ފަހަތުން އަރާ 4 ލަނޑު ޖަހައި ލަންކާއިން ރާއްޖެ ހިފަހައްޓައިފި
މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގެ ފުރަތަމަ މެޗު 4-4ގެ ނަތީޖާއަކުން ރާއްޖެއާއި ލަންކާ އެއްވަރު ވެއްޖެއެވެ.
ރާއްޖެއާއި ލަންކާގެ އިތުރުން ދެން ފޯ ނޭޝަންސް ކަޕްގައި ވާދަކުރާނީ ބަނގުލަދޭޝްއާއި ސީޝެލްސްއެވެ. ރާއްޖެއިން ލަންކާއާ ދެކޮޅަށް އެންމެ ފަހުން ނިކުތީ، މިއަހަރު އޮތް ސާފް ޗެންޕިއަންޝިޕްގައެވެ. އެ މުބާރާތުގައި ރާއްޖެއިން މެޗު ކާމިޔާބު ކުރީ 1-0ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން މާ ގިނަ އިރުތަކެއް ނުވަނިސް ރާއްޖެއިން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ ލީޑް ރާއްޖެއިން ނެގީ 8 ވަނަ މިނެޓްގައި ޤައުމީ ކެޕްޓަން އަކްރަމް އަބްދުލްޣަނީއެވެ. އަކޫގެ އެ ލަނޑު ކާމިޔާބުކޮށްފައި ވަނީ ދަގަނޑޭ ނަަގައިދިން ހުރަހެއް ބޮލުން ފޮނުވައިލައިގެންނެވެ. ފުރަތަމަ ލަނޑު ޖެހިތާ މިނެޓެއް ނުވަނީސް ރާއްޖެއިން ވަނީ ލީޑް ފުޅާކޮށްފައެވެ. މެޗުގެ 9ވަނަ މިނެޓްގައި މެޗުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ ސެންޓޭއެވެ.
ލަންކާ ޓީމް ކުޅެމުން އައީ ޑިފެންސިވް ކުޅުމެކެވެ. އެ ޓީމުން ފުރަތަމަ ހަމަލާ އުފައްދައިފައި ވަނީ މެޗުގެ 17 ވަނަ މިނެޓްގައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވައިލި ބޯޅަ، ގޯލަށް އަމާޒެއް ނުވިއެވެ.
މެޗުގެ ލީޑް އިތުރަށް ފުޅާކޮށް، ތިންވަނަ ގޯލެއް ކާމިޔާބުކޮށްފައި ވަނީ، މެޗުގެ 34 ވަނަ މިނެޓްގައި އިބްރާހިމް މަހުދީ ހުސައިން، ފޭދޫ އިއްބެއެވެ.
ރާއްޖެއަށް ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ މެޗުގެ ދެވަނަ ހާފްގައި އަލީ އަޝްފާޤެވެ. މެޗުގެ 58 ވަނަ މިނެޓްގައި ލަންކާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަ ށްފަހު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
މެޗުގެ ދެވަނަ ހާފްގައި ލަންކާގެ ކުޅުން ރަނގަޅުކޮށް، އެޓޭކިންގް ގޭމެއް ވަނީ ކުޅެފައެވެ.
މެޗުގެ ދެވަނަ ހާފްގައި ލަންކާއިން ވަނީ ކައިރިކައިރީގައި 3 ލަނޑު ކާމިޔާބުކޮށްފައެވެ. އެއީ މެޗުގެ 64 މިނެޓްގައްޔާއި 68 ވަނަ މިނެޓްގައި އަދި 72 ވަނަ މިނެޓްގައެވެ. މި ތިން ލަނޑު ވެސް އެ ޓީމަށް ކާމިބުކޮށްދީ، ރާއްޖެއާ ދެކޮޅަށް ހެޓްރިކް ހަދައިފައި ވަނީ ލަންކާގެ ވަސީމް ރަޒީކެވެ.
މެޗު އެއްވަރުކޮށްދިން، ލަންކާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައި ވަނީ ދެވަނަ ހާފްގެ އިތުރު މިނެޓްގައެވެ. އެ ލަނޑުވެސް ކާމިޔާބު ކޮށްފައިވަނީ ވަސީމް ރަޒީކެވެ.
މިމެޗާ އެކު، ލަންކާ އަދި ރާއްޖެއަށް ވަނީ ޕޮއިންޓެއް ލިބިފައެވެ. މި މުބާރާތުގައި ރާއްޖެ ދެން ބައްދަލު ކުރާނީ ބަންގާޅާއެވެ. އެ މެޗު ފަށާނީ ބުރާސްފަތި ދުވަހު ހަވީރު 15:30 ގައެވެ.