ޚަބަރު ސަރުކާރު

ސަރުކާރުން ދެން އެންމެ ބޮޑު އިސްކަމެއް ދޭނެ ކަމަކީ، ޖަމާޢަތުގެ މަސަލަސްކަން ހިފެހެއްޓުން: ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ އެއްކަމަކީ، ޖަމާޢަތުގެ މަސަލަސްކަން ހިފެހެއްޓުމަށް ކަމަށާއި، ސަރުކާރުގެ ހުރިހާ ވަގުތަކާއި، މަސައްކަތްތަކާއި، ހަކަތައެއް ހުސްކުރާނީ ދިވެހިރައްޔިތުންގެ އުފާފާގަތިކަމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެ މަނިކުފާނު މިހެން ވިދާޅުވީ ރޭ ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޖުމްހޫރީ މައިދާނުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި ސަރުކާރުން ސިޔާސީ ފަލްސަފާ ކުރިއަށްގެންދަވާ ގޮތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. އެ ގޮތުން މިސަރުކާރުގެ ސިޔާސީ ފަލްސަފާ އަކީ، ދެބަސްވުމަށް އެއްބަސްވެ، ސިޔާސީ މައިދާނުގައި ހުރި ތަފާތުތަކާއި، ފުށުއެރުމާއި، ފަރަގުތައް ހިފައިގެން ވެސް އެކުގައި ކުރިއަށް ދިއުންކަމުގައި އެ މަނިކުފާނު ފާހަގަ ކުރެއްވެވިއެވެ.

އަދި ސަރުކާރުން ވޭތުވެދިޔަ ތިންއަހަރު އިޖުތިމާޢީ މަސްލަހަތު ހިފަހައްޓައި ދެމެހެއްޓުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ނޮވެންބަރު ނުވަ ވަނަ ދުވަހު ކަނޑައެޅުއްވި މިނިމަމްވޭޖާ ގުޅޭ ގޮތުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ކަނޑައެޅުއްވި އެންމެ ކުޑަވެގެންދެވޭނެ އުޖޫރައަކީ މި ޖުމްހޫރީ ދުވަހު ދިވެހި ރައްޔިތުންނަށް ދެވޭ އެންމެ ބޮޑު ހަދިޔާގެ ގޮތުގައި ފާހަގަކުރައްވައިފައެވެ.

އަދި އެކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް ވެސް މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އަލިއަޅުއްވައިލައްވައިފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މި ސިޔާސަތުގެ ސަބަބުން ވަޒީފާތަކަށް ޤާބިލު މުވައްޒަފުން ހޯދުމަށް މަގުފަހިވެ، އުފެއްދުންތެރިކަމާ ނަފާވެރިކަން އިތުރުވުމަށް ބާރުއެޅިގެންދާނެ ކަމުގައެވެ.

މުޖުތަޢުގެ ހަމަޖެހުމަށް ޓަކައި ސަރުކާރުން ކުރައްވާ ކަންތައްތަކާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްތުވާތަކެތިން މުޖުތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން ކުރައްވާ މުހިންމު ބުރަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ.

އަދި މަސްތުވާތަކެތިން މުޖުތަމަޢު ސަލާމަތްކުރުމަށް މުޖުތަމަޢާ ގުޅިގެން ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް ސަރުކާރުން އިސްކަންދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ކޮމިއުނިޓީ ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް މިހާރު ބަޖެޓް ކުރެވިފައިވާކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވެވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!