ފުލުހުންތަކަކަށް ދައުވާ ކުރާތީ ފުލުހުން ކަންބޮޑުވެއްޖެ
2017ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް އަނިޔާކޮށް ގަވާއިދާ ހިލާފަށް އެކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަަށް ބުނާ މައްސަލައިގައި ފުލުހުންތަކެއްގެ މައްޗަށް ދައުވާ ކުރަން ނިންމުމުން ދިވެހި ފުލުހުންގެ ހިދުމަތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި، ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން، އެކަމުގައި ބައިވެރިވި ބައެއް ކުދިން ހިޔާއިން ނެރެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާތީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އަށް ހުށަހެޅިއެވެ.
އެގޮތުން ކުޑަކުދިންގެ ހިޔާގެ އެ ކުދިން ގެންދިޔައިރު ބައެއްް ކުދިންނަށް ޖިސްމާނީ ގޮތުން އަނިޔާވެފައިވާ މައްސަލަތަކެއް ވެސް ތަހުގީގަށް ފާހަގަކުރެވުނު ކަމަށް އެނގިފައިވެއެވެ.
އެޗްއާރްސީއެމް އެ މައްސަލަ ތަހުގީގު ކުރުމަށްފަހު، އެ ކޮމިޝަނުން ކުރިން ވަނީ ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ)ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ފޮނުވައިފައެވެ.
ނަމަވެސް ޕީޖީ އޮފީހުން މިއަދު މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ 13 ފުލުހެއްގެ މައްޗަށް އެކަންޏެވެ. މި 13 ފުލުހުންގެ މައްޗަށް އުފުލައިފައި ވަނީ ރަޙުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.
މިކަމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ 2017 ވަނަ އަހަރު ތުލުސްދޫގައި ހިންގި ކޭންޕްގައި ފުލުހުންގެ ފަރާތުން ކުދިންތަކަކަަށް އަނިޔާވި މައްސަލައެއްގައި 8 ފުލުހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ފޮނުވާފައިވާކަން އެޗްއާރުސީއެމުން އޮކްޓޫބަރު 5، 2021ގައި އަންގައިފައިވާ ކަމަށާއި އެ ދަތުރުގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް އެ ކުދިންގެ އަތުގައި ބިޑި އަޅުވައިފައިވުމާއި ބާރަށް ހަޅޭލަވައިފައިވާކަމަށް ތުހުމަތު ކުރެވޭތީ ރަހުމު ކުޑަ ލާއިންސާނީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ 13 ފުލުހެއްގެ މައްޗަށް ކޮށްފައިވާކަމުގެ މައުލޫމާތު ނޮވެންބަރު 1، 2021ގައި ޕީޖީ އޮފީހުން އަންގައިފައިވާ ކަމަަށެވެ. އަދި ތިން ފުލުހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމާ އެކަން ވެސް އަންގައިފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ އެ މުއައްސަސާއަށް ލިބިފައިވާ މައުލޫމާތުތަކުން އެ ކޭމްޕްގައި ފުލުހުން އަމަލުކޮށްފައި ވަނީ ގަވާއިދާ އެއްގޮތަށް ކަމަށް އެނގިފައިވާ ކަމަށެވެ.
ޙިނގާ ނުކުންނަން މިހެން ވެގެން ނުވާނެ.