ރާއްޖޭގެ ކަނޑުގެ ޗާޓުތައް ވިއްކައިގެން އިންޑިއާއަށް ބޮޑު ފައިދާއެއް
ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭ ނުވަތަ ކަނޑުގެ އަޑި ޗާޓު ކޮށްގެން، އެ ޗާޓުތައް ބޭރުގެ ފަރާތްތަކަށް ވިއްކުމުގެ ހުއްދަ އިންޑިއާއަށް ލިބި އެއިން ބޮޑު މާލީ ފައިދާއެއް އެ ގައުމަށް ލިބޭކަން ހާމަވެއްޖެއެވެ.
އިންޑިއާއާ އެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފައިވާ މައްސަލައާ ގުޅިގެން ރޭ އެ ކޮމިޓީއަށް އެމްއެންޑީއެފްގެ ބޭފުޅުން ވަނީ ހާޒިރުކޮށްފައެވެ.
ޑިފެންސް މިނިސްޓްރީން ކޮމިޓީއާ ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ހައިޑްރޯގްރަފިކް ސާވޭ ހަދައިގެން ކުރަހާ ޗާޓުތަކުން މާލީ ފައިދާ ނެގުމުގެ ފުރަސަތު ދެ ގައުމަށް ވެސް އޮވެއެވެ. ނަމަވެސް، އޭގެ ބޮޑު ފައިދާއެއް ކުރަނީ އިންޑިއާ އަށެވެ. އެގޮތުން އިންޑިއާއިން ރާއްޖޭގައި ވިއްކާ ނަމަ، ދިވެހި ސަރުކާރަށް %35 ކޮމިޝަން އަދި އިންޑިއާއިން އެ ޗާޓުތައް ބޭރުގެ ބަޔަކަށް ވިއްކާ ނަމަ، ރާއްޖެއަށް ލިބޭނީ ރޯޔަލްޓީގެ ގޮތުގައި %25 އެވެ.
ރޭގެ ކޮމިޓީ ބައްދަލުވުމުގައި ޗާޓު ވިއްކާ އަގާ މެދު ބައެއް މެންބަރުން ސުވާލުކުރެއްވުމުން އެ ސުވާލަށް ސީދާ ޖަވާބު ދީފައެއް ނުވެއެވެ. އަދި ރާއްޖޭގެ ސްޓްރެޓެޖިކް މައުލޫމާތުތައް ވިއްކާތީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ މި ސާވޭއަކީ ނެވިގޭޝަނަލް ކަންކަމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭން ހަދާ ސާވޭއެއް ކަމަށެވެ. އަދި އެ ސާވޭ ކުރެވޭނީ ރާއްޖޭން އިސްކަންދޭ ސަރަހައްދުތަކެއް ކަމަށާއި، އެކަންކަން ލިމިޓުކުރުމުގެ ފުރުސަތު ވެސް ރާއްޖެއަށް ލިބޭކަމަށް ޝަމާލް ވިދާޅުވިއެވެ.
"މީގެ ކުރިން ވެސް ހައިޑްރޯގްރަފިކް ސާވޭ ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ކޮށްފައި އެބަހުރި. އިނގިރޭސީންނާ ގުޅިގެން ވެސް އަދި އިންޑިއާއާ ގުޅިގެން ވެސް." ޝަމާލް ވިދާޅުވިއެވެ.