އަސްކަރީ އެއްބަސްވުމާ ގުޅިގެން ސިފައިން ސިޔާސީ ވާހަކަ ދައްކާކަމަށް އިދިކޮޅުން ތުހުމަތުކޮށްފި
މި ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކަކީ ރައީސް ޔާމީންގެ ސަރުކާރުން ސޮއިކުރި އެއްބަސްވުންތަކެއް ކަމަށް ދައްކަން ސިފައިން ސިޔާސީ ވާހަކަދައްކާ ކަމަށް އިދިކޮޅު މެމްބަރުން ތުހުމަތު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށައަޅައިފައިވާ މައްސަލައަކާ ގުޅިގެން ރޭ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި ޑިފެންސްގެ އިސްވެރިން ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. ރާއްޖެއާއި އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ކޮމިޓީގެ މިބައްދަލުވުމުގައި އިދިކޮޅު މެމްބަރުން ތުހުމަތު ކުރައްވާފައިވާ ގޮތުގައި މި ސަރުކާރުން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުންތަކަކީ ރައީސް ޔާމީންގެ ބޮލުގައި އަޅުވާ އެއްބަސްވުންތަކެއް ކަމަށް ދޭހަވާ ގޮތަށް ސިފައިން ވާހަކަ ދައްކައެވެ.
މިގޮތުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނާއި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީ ފްވެސް ވަނީ ސިފައިންނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފައެވެ.
ކުރީން ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މެމްބަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ޑޯނިއާ ބޯޓު ގެނައުމުގެ މަސައްކަތުގެ ތެރެއިން ޕާކިސްތާން އަދި ޗައިނާއިން ވެސް އެއާކްރާފްޓެއް ހޯދުމުގެ މަސައްކަތް އޭރު ކުރައްވާފައިވާ ކަމަށާއި އެފަދަ އެއްބަސްވުންތައް ގައުމުތަކާ އެކު ހަދާ އިރު، ބަލަން ޖެހޭ ކަންކަމަށް ރިއާޔަތް ކުރުމަށް ވަގުތު ވެސް ދޭންޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި އެއްބަސްވުންތައް ދިރާސާކުރަން ވަގުތުތަކެއް ދިޔަކަން ސިފައިންނަށް އެނގޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ސޮއި ވެސް ނުކުރާ އެގްރިމެންޓެއްގެ ވާހަކަ އެމްއެންޑީއެފްއިން ރޭގެ ކޮމިޓީގައި ދައްކަފައި ވަނީ ސިޔާސީ ބޭނުމުގައި ކަމަށެވެ.
މީގެއިތުރުން ޕީޕީއެމްގެ ނައިބު ރައީސް، ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވިދާޅުވީ ސިފައިންގެ ބޭފުޅުން ސިޔާސީ ވާހަކަ ދެއްކުމުގެ ބަދަލުގައި ގައުމީ ވާޖިބު އަދާ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެބޭފުޅުން ކޮމިޓީގައި ސިޔާސީ ވާހަކަ ދެއްކެވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އަދި ހަމައެހެންމެ ރައީސް ޔާމީން ވެރިކަމުގައި އެ މަނިކުފާނު ކުރައްވަން ބޭނުންވި ކަންކަން ވަނީ ކޮށްފައި ކަމަށާއި އެމަނިކުފާނު ކުރައްވަން ނިންމަވައި ނުކުރެވި ހުރި ކަންކަން މިިސަރުކާރުން ވަނީ ބަދަލުކޮށްފައިކަމަށް ވެސް ގައްސާން ވަނީ ރޭގެ ކޮމިޓީގައި ވިދާޅުވެފައެވެ.