ޚަބަރު

މޫސުމަށް ރައްކާތެރިވޭ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި ދުވަސްކޮޅު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

Ads by STELCO

މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ މިރޭ 7:00އިން ފެށިގެން 10:00އާ ހަމައަށެވެ.

ރީނދޫ ސަމާލު ނެރެފައިވާއިރު ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް:

▪︎ ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދާ، އުޅަނދުގައި މުއާސަލާތީ ވަސީލަތްތައް ހަމަކުރުން.
▪︎ ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވެ، ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅު ފަަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
▪︎ ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުން.
▪︎ ގެއަށް ފެން ވަދެފާނެ ކަމުގައިވާ ނަމަ ގޭ ބޭރުގައި ވެލިބަސްތާ ފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން.
▪︎ ފެންޖެހި ހަލާކުވާނެ ފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެ ފަދަ ތަންތަނަށް ބަދަލުކުރުން.
▪︎ އަލަށް އިމާރާތް ކުރަން ފަށައިފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
▪︎ މޫސުމާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަށް ރައްޔިތުން ސަމާލުވުން.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!