އާމްދަނީއަށް ބަލައިގެން މަޝްރޫޢުތައް ހިންގަން ލަފާދެއްވައިފި
އަންނަ 2022 ވަނަ އަހަރު ދައުލަތަށް އާމްދަނީ ލިބޭ މިންވަރަކުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލަފާދީފިއެވެ.
2022 ވަނަ އަހަރަށް ލަފާކުރާ ދައުލަޔުގެ ބަޖެޓު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޓީގައި އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ ކޮވިޑް-19 ގައި ރާއްޖޭގެ އިގްތިޞާދު އަޑިއަޅައިލުމަށްފަހުވެސް މިއަހަރުގެ ތެރޭގައި ރާއްޖޭގެ ކްރެޑިޓް ރޭޓިންގްސް ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަމަށެވެ. އެގޮތުން ބީ މައިނަސްއަށް ރޭޓިންގްސް ހިއްލުމަކީ ރާއްޖެއަށް ހެޔޮ އަގެއްގައި ދަރަނި ހޯދުމަށާއި ސުކޫކު ވިއްކާއިރު ރަނގަޅު އަގުތަކެއް ލިބުމަށް މަގުފަހިވާނެ ކަމެއްކަމަށް ނިޔާޒީ ވިދާޅުވިއެވެ.
"ރޭޓިންގްސް ރަނގަޅުވުމަކީ އަޅުގަނޑުމެންގެ ބަޖެޓު މެނޭޖުކުރުމަށް، ހާއްސަކޮށް އިންޓަރެސްޓް ރޭޓު ކުޑަކޮށް ބަޖެޓު ފައިނޭންސް ކުރުމަށް ލިބޭނެ ފުރުސަތެއްކަމަށް އަޅުގަނޑު ދެކެނީ" ނިޔާޒީ ވިދާޅުވިއެވެ.
އޭޖީ ވިދާޅުވީ ބަޖެޓު މެނޭޖުކުރުމުގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރިކަމަށެވެ. އެގޮތުން 2022 ވަނަ އަހަރަށް ހުށަހަޅާފައިވަނީ 9 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ކަމަށާއި މީގެ އިތުރަށް އާސަންދައިގެ ހިދުމަތުގެ ތެރެއިން އިތުރު 300 ރުފިޔާ އަދި އެހެނިހެން ރެވެނިއު ހިސާބުތަކަށް 700 މިލިއަން ރުފިޔާ އިތުރުވެ މުޅި ޖުމްލަ 1 ބިލިއަން ރުފިޔާ ޑެފިސިޓް ވެދާނެކަމުގެ ބިރު އެބައޮތްކަމަށް ނިޔާޒީ ވިދާޅުވިއެވެ.
އޭޖީ ވިދާޅުވީ މިގޮތަށް ބަޖެޓު މެއިންޓެއިން ކުރުމަށް ބަޖެޓު އިތުރަށް ޑެފިސިޓް ނުވާނެހެން ކަންކަން ރޭވުން މުހިންމުކަމަށެވެ. އެގޮތުން އޭޖީ އޮފީހުން ލަފާދެނީ ދައުލަތަށް އާމްދަނީ ލިބޭ މިންވަރަކުން ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. ހާއްސަކޮށް ހިލޭ އެހީއާއި ހަރަދު ކުރުމަށްޓަކައި ގެންނަ ރިފޯމްތަކަށް ބެލުމަށްފަހު ހަރަދުތައް ކުރިއަށް ގެންދަން އޭޖީން ލަފާދިނެވެ.
2022 ވަނަ އަހަރށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބުނެފައިވާ ގޮތުން މިހިނގާ 2021 ވަނަ އަހަރު ބަޖެޓުން ބޭރުން ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރަން ޖެހުނު. އެގޮތުން ބަޖެޓުގައި ކުރިން ޕްލޭންކޮށްފައިނުވާ ހަރަދުތައް ބޮޑުވުމުގެ ސަބަބުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކޯޓުން ނިންމާ މައްސަލަތަކާއި ގުޅިގެން ބަދަލުދޭން ޖެހުމާއި، ގާނޫނުތަކަށް ގެންނަ އިސްލާހުތަކުގެ ސަބަބުން މުވައްޒަފުން އިތުރުވުން ނުވަތަ އިދާރީ ހަރަދުތައް ބޮޑުވުމެވެ.