ޚަބަރު

ޒިޔާދުގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރުގެ މައްޗަށް އުފުލައިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ދަށު ކޯޓުގައި ސާބިތުނުވުމުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމަވައިފައިވާކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް (ޕީޖީ) ޙުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޒިޔާދުގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފައި ވަނީ އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް އެންޓި ކޮރަޕްޝަންގެ ތަހުގީގަށް ސާބިތުވުމުންނެވެ.

މި މައްސަލައިގައި ޒިޔާދާ އެކު އިސްލާމިކް މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ވެރިއަކަށް އޭރު ހުރި އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލިއެވެ. މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޒިޔާދާއި ސައީދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ނިންމުމާ މެދު ހިތްހަމަ ނުޖެހޭތީ ހައިކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމައި މި ހަފްތާގެ ތެރޭގައި ލިޔެކިއުންތައް ހުށަހަޅާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!