ކުޅިވަރު

ސީޝެލްސް އަތުން މޮޅު ނުވެވި ރާއްޖޭގެ އުއްމީދު ފެނަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޮޓޯ: ލަންކާ އެފްއޭ

މަހިންދަ ރާޖަޕަކްސަ ، ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި މިއަދު ރާއްޖެއާއި ސީޝެލްސް ކުޅުނު މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެއްޖެއެވެ.

Ads by STELCO

މި ނަތީޖާއާ އެކު ރާއްޖެ ވަނީ މުބާރާތުގެ ފައިނަލަށް ނުގޮސް މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ. އަދި ސީޝެލްސް ވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފައެވެ. މި މުބާރާތުގައި ރާއްޖެއިން ފުރަތަމަ ކުޅުނު މެޗުން 4-4ގެ ނަތީޖާއަކުންވީ އެއްވަރެވެ. ދެވަނަ މެޗުގައި ބަންގާޅު އަތުން 1-2ގެ ނަތީޖާއަކުން ރާއްޖެއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. ރާއްޖެއިން މުބާރާތް ނިންމައިލާން ޖެހުނީ 2 ޕޮއިންޓާއެކުއެވެ.

އެންމެފަހުން ރާއްޖެއާއި ސީޝެލްސް ބައްދަލުކޮށްފައި ވަނީ 2015ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައެވެ. އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ރާއްޖެއިންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ 11 ގައި ދަގަނޑޭ ނުހިމެނެއެވެ. މީގެ ކުރިން މިމުބާރާތުގެ މެޗުތަކުގައި ފުރަތަމަ 11އަށް ބަދަލު ގެނެސްފައި ނެތް ނަމަވެސް މިއަދުގެ މެޗުގައި އަލީ ފާސިރު (ސެންޓޭ)އާއި ހުސައިން ޝިފާއު (ކްރޯ)އަށް ފުރަތަމަ 11 އިން ޖާގަ ދީފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފް ކުޅެފައި ވަނީ ބޯ ވިއްސާރައިގައެވެ. ދަނޑުގަައި ފެންބޮޑުވެ، ޗަކަ ހެދިފައި އޮތުމުން ދެ ޓީމަށް ވެސް ކުޅުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ފުރަތަމަ ހާފްގައި ދެ ޓީމުން ވެސް ރަނގަޅު ކުޅުމެއް ދެއްކިއިރު، ގޯލެއް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ. މެދުގެ ފުރަތަމަ ހާފްގެ ފަހުކޮޅުގައި ރާއްޖެއަށް ލީޑު ނަގަން ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ.

މެޗުގެ 63ވަނަ މިނެޓްގައި އަލީ އަޝްފާޤް ކުޅެން ވަނީ އަރުވައިފައެވެ. އެހެން ނަމަވެސް ދެވަނަ ހާފްގައި ވެސް ރާއްޖެއަށް މާ ބޮޑު ނުރައްކަލެއް އުފެއްދިފައެއް ނުވެއެވެ.

މެޗުގެ 76 ވަނަ މިނެޓްގައި ސީޝެލްސްގެ ޑިފެންޑަރު މާކް މަތިއޮޓަށް ވަނީ ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފައެވެ. 10 ކުޅުންތެރިންނާ އެކު ސީޝެލްސްއިން ކުޅުން ކުރިޔަށް ގެންދިޔައިރު، އެ ޓީމުން ގިނަ ފައުލްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ފުރިހަމަ ވަގުތުގެ ކުޅުން ނިމި އިތުރު ވަގުތުގައި ކުޅެން އެރުވި، އަސްހަދު އަލީ (އަޑުބަރޭ)އަށް ކުޅެން އެރުވިތާ މިނެޓެއްހައި އިރު ތެރޭގައި ވަނީ ރަތް ކާޑެއް ދައްކައިފައެވެ. އޭނާއަށް ކާޑު ދައްކައިފައި ވަނީ ކުޅުމުން ބޭރު ، ސީޝެލްސްގެ ކުޅުންތެރިއަކަށް އުޅަބޮށިން ހަމަލާދިނުމުންނެވެ.

މެޗު ނިމިގެން ދިޔައީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މެޗުގައި ސީޝެލްސްއިން 17 ފައުލްކޮށްފައިވާއިރު، ރާއްޖެއިން ވަނީ 9 ފައުލްކޮށްފައެވެ.

ސީޝެލްއާ އެކު ފައިނަލްގައި ކުޅޭނެ ޓީމެއް ކަށަވަރު ވާނީ މިރޭ ލަންކާއާއި ބަނގްލަދޭޝް މެޗުގެ ނަތީޖާއިންނެވެ. މި ރޭގެ މެޗު އެއްވަރު ކޮށްލައިގެން ފައިނަލަށް ދިޔުމުގެ ފުރުސަތު ބަނގްލަދޭޝަށް އޮތް ނަމަ ވެސް ލަންކާއަށް ފައިނަލަށް ދެވޭނީ މޮޅެއް ހޯދައިގެންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!