އަންހެން ފުލުހުންގެ ކޮންފަރެންސް ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ އަންހެން އޮފިސަރުންނަށް ހާއްސަކޮށްގެން 'މޯލްޑިވްސް ވިމެން އިން ޕޮލިސިންގ' ކޮންފަރެންސް ބާއްވައިފިއެވެ.
އިސްކަންދަރުކޮށީގައި މިއަދު ކުރިއަށް ގެންދިޔަ އެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. އެ ރަސްމިއްޔާތުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން ވެސް ބައިވެރިވެލެއްވިއެވެ.
އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ފުލުހުންގެ ތެރޭގައި އަންހެނުން އަދާކުރަމުންދާ ދައުރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށާއި ހާއްސަކޮށް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުންގެ ހިދުމަތުގައި އަންހެނުން އަދާކުރަމުންދާ ދައުރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް ވިދާޅުވިއެވެ.
އެގޮތުން ފުލުހުންގެ ހިދުމަތުގައި ފުރަތަމަ ފަހަރަށް ޗީފް އިންސްޕެކްޓަރ ރޭންކުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށް އަންހެން ތިން އޮފިސަރުން ޕްރޮމޯޓްކޮށް، ފުރަތަމަ ފަހަރަށް ފުލުހުންގެ ތެރޭގައި މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީއެއް އެކުލަވައިލައި މަސައްކަތްތަކެއް ކުރެވިގެން ދިޔަކަމަށް ވިދާޅުވިއެވެ. އަދި މި ކޮމިޓީ، މަދު ދުވަސްތަކެއްގެ ތެރޭގައި އިންތިހާބުވެގެން ދާނެކަމަށާއި އަންހެނުންނަކީ ވެސް ފުލުހުންގެ ހިދުމަތުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ބައެއް ކަމަށާއި މިހާރު ވެސް ފުލުހުންގެ އެކި ދާއިރާތަކުގައި އަންހެނުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.