ޑިސެމްބަރުގައި އޮތް ކައިވެންޏަށް ކެޓްރީނާ ތައްޔާރުވާން ފަށައިފި

ބޮލީވުޑްގެ ޚަބަރުތަކަށް ބަލާއިރު މިދުވަސްކޮޅު އެންމެ ގިނަ ބަޔަކު ދައްކަމުންދާ ވާހަކައަކީ، މަޝްހޫރު ތަރިން ކަމަށްވާ ކެޓްރީނާ ކެއިފްއާއި ވިކީ ކޯޝަލްގެ ކައިވެނީގެ ވާހަކަތަކެވެ.
ކައިވެނީގެ ހަފްލާތައް އަންނަ ޑިސެމްބަރު މަހުގެ 7އިން 12އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، އެންމެ ފަހުގެ ރިޕޯޓުތަކުން ބުނެފައި ވަނީ ކެޓްރީނާ މިހާރު ވެސް ކައިވެންޏަށް ތައްޔާރުވަމުންދާ ކަމަށެވެ.
އެގޮތުން ކެޓްރީނާ މިދުވަސްކޮޅު އެންމެ އިސްކަން ދީފައިވަނީ، އޭނާ ސޮއި ކޮށްފައި ހުރި މަސައްކަތްތައް އަވަހަށް ނިންމަން ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި، ކެޓްރީނާ ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ހުރިހާ މަސައްކަތްތަކެއް ނިންމޭނެ ގޮތް ހަދައި ދިނުމަށް ޑައިރެކްޓަރުން ގާތު އެދިފައެވެ.
ކެޓްރީނާ އެންމެ ފަހުން ފެނިފައި ވަނީ އަކްޝޭ ކުމާރާ އެކު ކުޅުނު "ސޫރްޔާވަންޝީ" އިންނެވެ. ކައިވެންޏަށް ފަހު ކެޓްރީނާ ބޭނުން ވަނީ ދުވަސްކޮޅަކަށް ބްރޭކެއް ނަގަން ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
ކެޓްރީނާއާއި ވިކީ ކައިވެނި ކުރަން ނިންމައިފައި ވަނީ ރާޖަސްތާނުގައި ހުރި 700 އަހަރުވީ ޝާހީ ގަނޑުވަރެއްގައެވެ.
ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި ކެޓްރީނާ އޭނާގެ ކައިވެނީގެ ހެދުން ވެސް މިހާރު ދަނީ ޓެސްޓު ކުރަމުންނެވެ.