ގްރޭޑް 10 ނިމުމުން ކިޔެވުން ނިންމައިނުލާން ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި
ގްރޭޑް 10 ނިމުމުން ކިޔެވުން ހުއްޓައިނުލާން ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް ، ދަރިވަރުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
2019ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގެ "ޓޮޕް އެޗީވާރސް އެވޯޑް" ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން ވެސް އަދި ބެލެނިވެރިން ވެސް ދަރިވަރުންނަށް ހިތްވަރުދޭންވީ މަތީ ސާނަވީ ފުރިހަމަކުރަން ކަމަށެވެ.
"ދައުލަތުގެ މުއައްސަސާތަކުން ވެސް އަދި ބެލެނިވެރިން ވެސް ދަރިވަރުންނަށް ހިތްވަރުދޭންވީ މަތީ ސާނަވީ ފުރިހަމަކުރަން. ގްރޭޑް 10 ނިމުނީމާ ކިޔަވާ ނިމުނީކަމަށް ޤަބޫލުކުރެވޭ ނަމަ އެ ވިސްނުން އަވަހަށް ސިކުނޑިން ފުހެލުމަށް އަޅުގަނޑު އިލްތިމާސްކުރަން." ރައީސް ވިދާޅުވިއެވެ.
މިޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ ތައުލީމީ ސިޔާސަތަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާ ކުރުމާއި ދަރިވަރުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުން ކަމަށާއި އެގޮތުން މިދިޔަ 3 އަހަރުގެ ތެރޭގައި ރާއްޖޭގެ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެވިއްޖެކަމަށެވެ.
"ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމަށް ހުޅުވައިލި ފުރުސަތުގައި ހީވެސް ނުކުރާހައި ގިނަ ދަރިވަރުން މިހާރު ވެސް ދަނީ ކިޔަވަމުން. ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ ދަރިވަރުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް ފެށުނު ވަރަށް މުހިއްމު ކަމެއް. ކޯވިޑް 19ގެ ސަބަބުން މިވަގުތު މަޑު ޖައްސައިލައިފައި އޮތަސް އެކަމަށް ބޭނުންވާ 600އަށް ވުރެ ގިނަ ދަރިވަރުންނަށް މިހާރު ވެސް ނާސްތާ އެބަ ދެވޭ" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދަރިވަރުންގެ ސުކޫލުގެ މަރުހަލާގައި ސިއްހީ ދުޅަހެޔޮކަން ކަށަވަރު ކުރުމަކީ ސަރުކާރުން ކުރަން ޖެހޭނެ ކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި 2019ވަނަ އަހަރު ފެށި އިންޓަރގްރޭޓެޑް ހެލްތު ސްކްރީނިން ޕްރޮގްރާމުން އެކަން ހާސިލް ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން އުނގެނުމުގައްޔާއި އެ ނޫން ގޮތް ގޮތުން ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިން އެބަތިބި ކަމަށާއި ތައުލީމް ހާސިލް ކުރުމުގައި ވެސް އެފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުން ކުރަން ޖެހޭނެ ކަމެއްކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައުލީމްގެ ގާނޫނެއް ތަންފީޒު ކުރަންފެށީ ހިނގަމުން މިދާ 2021ވަނަ އަހަރުގެ ތެރޭގައި ކަމަށާއި މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އަމަލުކުރަން ފެށީ ވެސް ހަމަ މިއަހަރުގެ ތެރޭގައި ކަމަށެވެ. އަދި މިއީ މުޅިން އަލަށް ރާއްޖޭގައި އަމަލު ކުރަން ފެށި ގާނޫނެއްކަން ފާހަގަ ކުރައްވައި އެ މަނިކުފާނު ވިދާޅުވީ މި ދެ ގާނޫނުގެ ބޭނުމަކީ ވެސް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އުނގެނުމުގެ ހައްގު ތައުލީމީ ހުރިހާ މަރުހަލާއެއްގައި ކަށަވަރުކޮށްދިނުން ކަމަށެވެ.