ރައްޔިތުންގެ މަޖިލިސް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ އަވަސްކުރާން ބަޖެޓް އިތުރުކުރާން ނިންމައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ/ ދެން އިމޭޖްސް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ އަވަސްކުރުމުގެ ގޮތުން އިތުރު މުވައްޒިފުން ނަގާން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދުމާ ގުޅިގެން، އަންނަ އަހަރު އޭސީސީއަށް ކަނޑައަޅާ ބަޖެޓްގައި އެ އަދަދު ހިމަނަން ބަޖެޓް ދިރާސާކުރާ ކޮމިޓީން ނިންމައިފިއެވެ.

Ads by Sosun Fihaara

ރޭ ބޭއްވި މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ވަނީ، އަންނަ އަހަރު ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް 73.8 މިލިޔަން ރުފިޔާ އިތުރު ކުރުމަށް ފަހު ފާސްކޮށްފައެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވަނީ އޭސީސީގެ ބަޖެޓް ބޮޑު ކުރަން ޖެހޭ ކަމަށް މަޖިލީހުގައި މީގެ ކުރިން ވިދާޅުވެފައެވެ. މިގޮތުން ވިދާޅުވީ، އެމްއެމްޕީއާރުސީއާ ގުޅުން ހުރި 338 ފަރާތެއްގެ މައްސަލަ ބަލަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަތަކުގެ ތެރެއިން މިހައިތަނަށް ނިމިފައި ވަނީ 38 މައްސަލަ ކަމަށާއި ނުނިމި 223 މައްސަލައެއް އެބަހުރި ކަމަށެވެ.

ޝައުނާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅޭ އެ ހުރިހާ މައްސަލަތަކެއްގެ ތެރެއިން ކޮންމެ މައްސަލައަކަށް އެވްރެޖްކޮށް އަށް މަސްދުވަސް ހޭދަވާ ކަމަށެވެ. އަދި މައްސަލަ އަވަސްކުރަން މުވައްޒިފުންނާއި ބަޖެޓް ބޭނުންވާކަމަށް ޝައުނާ ވިދާޅުވިއެވެ.

"ދައުލަތުން އެމްއެމްޕީއާރުސީގެ މައްސަލަ ރަނގަޅު ސްޕީޑެއްގައި ނިންމަން ބޭނުންވާ ނަމަ، އެކަށީގެންވާ މިންވަރަށް މުވައްޒަފުން ބޭނުންވޭ. ނުލިބޭ ނަމަ ތަކުރާރުކޮށް އެއް ވާހަކައެއް ދައްކަން ޖެހޭނީ، މި މައްސަލައެއް ނުނިމޭނެ." ޝައުނާ ވިދާޅުވީ މައްސަލަ އަވަސް ކުރަން 12 މުވައްޒިފުން ބޭނުންވާ ކަމަށެވެ.

އެ އެދުމަށް ރިއާއަތްކޮށް، ބަޖެޓު ދިރާސާ ކޮމިޓީން ރޭ ވަނީ އެމްއެމްޕީއާރްސީ މައްސަލައިގައި ތަހުގީގު ނިންމަން ބޭނުންވާ މުވައްޒަފުން ނަގަން 3.9 މިލިއަން ރުފިޔާ އޭސީސީގެ ބަޖެޓަށް ވަނީ އިތުރުކޮށްދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!