ޚަބަރު

ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 6000އަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވެކްސިން ޖަހަނީ-- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19ގެ އާލަމީ ވަބާއިން ސަލާމަތްވުމަށް ބޭނުން ކުރާ ވެކްސިންގެ ބޫސްޓާ ޑޯޒް ރާއްޖެއިން ޖެހި މީހުންގެ އަދަދު 6000އަށް އަރައިފިއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 395،302 މީހަކު ޖަހައިފައި ވެއެވެ. އަދި ދެވަނަ ޑޯޒް 361،941 މީހަކު ޖަހައިފައި ވާއިރު، ބޫސްޓާ ޑޯޒް ޖަހައިފައި ވަނީ 6،009 މީހެކެވެ.

ރާއްޖޭގައި ކޮވިޑްގެ ބޫސްޓާ ޑޯޒް ޖަހަނީ ކޮވިޝިލްޑް/ އެސްޓްރަޒެނެކާ، ސިނޮފާމް އަދި ފައިޒާ ހިމެނޭހެން ކޮވިޑްގެ އެއްވެސް ވެކްސިނެއްގެ ދެވަނަ ޑޯޒް ޖެހިފަހުން 6 މަސް ފުރިހަމަ ވެފައިވާ މީހުންނަށެވެ.

އެޗްޕީއޭއިން ދާދި ފަހުން ވަނީ، ބޫސްޓާ ޑޯޒް ޖެހޭ އުމުރުފުރާ ބަދަލުކޮށްފައެވެ. އެގޮތުން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް މިހާރު ބޫސްޓާ ޑޯޒް ޖެހޭނެ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު އެޗްޕީއޭއިން އިއުލާނު ކުރިއެވެ.

ބޫސްޓާ ޑޯޒް ޖެހެނީ މާލެ ސަރަހައްދުގެ ތިން ހޮސްޕިޓަލަކުންނެވެ. އެއީ އައިޖީއެމްއެޗް، އޭޑީކޭ އަދި ހުޅުމާލޭ ހޮސްޕިޓަލުންނެވެ.

އޭޑީކޭ އަދި ހުޅުމާލެ ހޮސްޕިޓަލުން ވަގުތުން ބޫސްޓަރ ޑޯޒް ޖެހޭއިރު، އެ ދެ ހޮސްޕިޓަލުންނާއި އައިޖީއެމްއެޗުން ބޫސްޓަރ ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދޭނެއެވެ. އޭޑީކޭ ހޮސްޕިޓަލުން ވެކްސިން ޖަހައިދޭނީ ހެނދުނު 9:00އިން 12:00އަށެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުން ހެނދުނު 11:00އިން 12:00އަށް ވެކްސިން ޖަހައި ދޭއިރު، އައިޖީއެމްއެޗުން ވެކްސިން ޖަހައިދެނީ ކޮންމެ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 10:00އިން މެންދުރު 2:00އަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!