ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް ދުނިޔޭގެ 11 ގައުމެއްގައި އެކިއެކި ތަމްރީނުތައް ހަދަމުން ދާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ވިދާޅުވީ ސިފައިންގެ ލީޑަޝިޕުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމަކީ ސިފައިންގެ ގާބިލުކަން އިތުރުކުރުން ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ސިފައިން ދުނިޔޭގެ އެކި ގައުމުތަކުގައި އެކި ކަހަލަ ތަމްރީނު ޕްރޮގުރާމްތައް ފުރިހަމަކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި މިހާރު ވެސް ތަމްރީނުތަކުގައި ސިފައިން ހަރަކާތްތެރިވަމުންދާކަން އަބްދުއްރަހީމް ވިދާޅުވިއެވެ.
ދިވެހި ސިފައިން ތަމްރީން ހަދަމުންދާ ގައުމުތަކަކީ އިންޑިއާ، ޕާކިސްތާން، އޮސްޓްރޭލިއާ، ބަނގްލަދޭޝް، ޗައިނާ، މެލޭޝިޔާ، ޖަޕާން، ނޭޕާލް، ސްރީލަންކާ، ޔޫކޭ އަދި ޔޫއެސްއޭއެވެ.
"މި ދެންނެވި ގިނަ ގައުމުތަކުގައި މިހާރު ވެސް ގިނަ އަދަދެއްގެ ސިފައިން ތަމްރީނުވަމުން އެބަދޭ. ހަމަ އެއާ އެކީގައި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށާއި އެކިއެކި ގައުމުތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި މީގެ ކުރީގައި ގާއިމްކުރެވިފައި ހުރި އަޅުގަނޑުމެންގެ ޑިފެންސް އެޑްވައިޒަރުން ބައިތިއްބައިފައި ތިބި ތިން ގައުމަކީ ޕާކިސްތާނާ، އިންޑިއާއާ ސްރީލަންކާ" އަބްދުއްރަހީމް ވިދާޅުވިއެވެ.
މިދިޔަ ތިން އަހަރު ތެރޭގައި ޑިފެންސް އެޑްވައިޒަރުން އިތުރު ދެ ގައުމެއްގައި ވެސް ހަމަޖައްސައިފައިވާ ކަމަށާއި އެ ދެ ގައުމަކީ މެލޭޝިޔާއާއި އިނގިރޭސިވިލާތްކަމަށް ޖެނެރަލް ވަނީ ވިދާޅުވެފައެވެ. ބައިނަލްއަގުވާމީ އެކި ގައުމުތަކާއި ދިފާއީ ގުޅުން ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މެލޭޝިޔާއާއި އިނގިރޭސިވިލާތަކީ ވެސް ގުޅުން ގާއިމްކުރަން ވަރަށް މުހިންމު ދެ ގައުމުކަމަށް އޭނާ ވިދާޅުވިއެވެ. ޑިފެންސް އެޑްވައިޒަރުން މެދުވެރިކޮށް ވަރަށް ގިނަ އެހީތަކެއް ލިބޭކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
ސިފައިންގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން ދެވޭ ތަމްރީނުތަކުގެ އިތުރުން ސިފައިންގެއަށް ބޭނުންވާ އާލާތްތައް އިތުރުކުރުމަށް ވެސް ބޮޑު އިސްކަމެއް ދޭކަމަށާއި ކުރިއަށް އޮތް ދެއަހަރު އެކަމަށް ޓަކައި މަސައްކަތްތަކެއް ރޭވިފައިވާކަމަށް ވެސް އަބްދުއްރަހީމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މީގެ އިތުރުން ވައިސް ޗީފް ވިދާޅުވީ ސިފައިންގެ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި އިސްލާމް ދީނާއި ގައުމުގެ ދިފާއުގައި ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ދިނުމަކީ ސިފައިންގެ ތަރައްގީކުރުމުގެ މަގްސަދު ކަމަށެވެ.