ޚަބަރު ސިޔާސީ

މިނިމަމް ވޭޖަކީ އުއްމީދެއް ނޫން، ރިޒޯޓު މުވައްޒަފުންނަށް ފައިސާ ރައްކާކުރެވެން ޖެހޭނެ: ޑރ. މައުސޫމް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު

ސަރުކާރުން ދާދި ފަހުން ކަނޑައެޅި އެންމެ ކުޑަ އުޖޫރަ، ނުވަތަ މިނިމަމް ވޭޖަކީ އުއްމީދުކުރާ މިނެއް ނޫން ކަމަށާއި މަސް ނިމިގެން ދާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ރައްކާ ކުރާނެ ފައިސާ އެމީހުން އަތުގައި ހުންނަން ބޭނުންވާކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިމަހުގެ ކުރީކޮޅު އެންމެ ކުޑަ އުޖޫރަ ކަނޑައެޅިއިރު އެއީ ސަރުކާރުން ނިންމި ވަރަށް ދަތި އުނދަގޫ ނިންމުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ޑރ. މައުސޫމު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިވެރިންނަށް މިއީ ބޮޑު ގޮންޖެހުމަކަށް ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް މިނިމަމް ވޭޖާ އެކު މުވައްޒަފުންނަށް އޭގެ ހެޔޮ ބަދަލު އަންނާނެ ކަމަށާއި ވިޔަފާރިވެރިންނަކީ ވެސް ކެނޑިނޭޅި މަސައްކަތްކުރާ ބަޔަކަށްވުމާ އެކު ސަރުކާރުގެ މި ނިންމުމަށް ފުރިހަމަ އެއްބާރުލުން ލިބޭނެކަމާ މެދު ޝައްކެއް ނެތްކަމަށް ޑރ. މައުސޫމު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީއަކީ އަބަދުވެސް ފަހިކޮށްދޭން މަސައްކަތްކުރާ މިނިސްޓްރީއެއް ކަމަށާއި އެހެންކަމުން އަބަދުވެސް ބޭނުން ވަނީ މިދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ފަހިކޮށްދޭންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް މިނިމަމް ވޭޖަކީ އަޅުގަނޑުމެން އުއްމީދުކުރާ މިންވަރެއް ނޫން. އަޅުގަނޑުމެން ބޭނުން ފަތުރުވެރިކަމުގެ ދާއިރާގަ މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް ވެސް މަސް ނިންމާލަން އަތުގައި ފައިސާ ރައްކާކުރަން ބަހައްޓަން." މިނިސްޓަރު ވިދާޅުވިއެވެ.

ރިޒޯޓު މުވައްޒަފުންގެ އާމްދަނީ މިހާރަށް ވުރެ ރަނގަޅުކުރަންޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ދިރިއުޅުމަށް ޓަކައި ކުރަންޖެހޭ ހުރިހާ ހަރަދެއް ކުރުމަށް ފަހު ރައްކާކުރެވޭނެ ފައިސާ ހުންނަ މިންވަރުގެ އުޖޫރައެއް މުވައްޒަފުންނަށް ލިބެންޖެހޭނެ ކަމަށެވެ. މިކަމަށް ޓަކައި މަސައްކަތް ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ހިއުމަން ރިސޯސަސް ހާއްސަ ޕްރޮގުރާމެއް ފަށައިފައިވާ ކަމަށާއި ތިން އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގުރާމުގެ ތެރެއިން މައްޗަށް ދާން ބޭނުންވާ ހުރިހާ މުވައްޒަފުންނަށް އެފުރުސަތު ފަހިކޮށްދެވިގެންދާނެ ކަމަށް ޑރ. މައުސޫމު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފަތުރުވެރިކަމުގެ ސިޔާސަތުގައި ކަނޑައަޅައިފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ކޮންމެ އަހަރަކު 8000 އެނދު ބާޒާރަށް ނެރެން މަސައްކަތް ކުރަމުންގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއާއެކު ކޮންމެ އަހަރަކު ނިސްބަތުން 12،000 މުވައްޒަފުން މިދާއިރާއަށް ބޭނުންވާއިރު އެފަދަ މުވައްޒަފުން އަލަށް ކިޔަވައިގެން ނިކުންނަ ދަރިވަރުންގެ ތެރެއިން ފުރާނާލަން ޖެހޭކަމަށް ވިދާޅުވިއެވެ. ސްކޫލު ނިންމާ 7500 ކުދިންގެ ތެރެއިން 1500 ކުދިން މަތީ ތައުލީމު ހާސިލް ކުރަމުންދާ ކަމަށާއި ބާކީ ތިބި ކުދިންގެ ދެބައިކުޅަ އެއްބައި ކުދިން ޓޫރިޒަމް ދާއިރާއަށް އައި ނަމަވެސް އަދިވެސް 9000އެއްހައި އިތުރު މުވައްޒަފުން ކޮންމެ އަހަރަކު ބޭނުންވާނެކަމަށް ޑރ. މައުސޫމުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ގިނަ އަދަދެއްގެ މުވައްޒަފުން ރާއްޖެއިން ބޭރުންވެސް ގެންނަން ޖެހޭއިރު ދިވެހި ކުދިންގެ ތެރެއިން ވީއެންމެ ގިނަ ކުދިން މިދާއިރާގެ ވަޒީފާތަކަށް ނެރެން ޖެހޭ ކަމަށެވެ. ޓޫރިޒަމް ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ތެރެއިން މަސައްކަތް ކުރަނީ މި މިސްރާބަށްކަމަށް ޑރ. މައުސޫމު ވަނީ ވިދާޅުވެފައެވެ.

"އިރާދަފުޅުކުރެއްވިއްޔާ ކުރިއަށް އޮތް މުސްތަގުބަލުގައި ދިވެހިން ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާގައި އުޅޭއިރު މިނިމަމްވޭޖުގެ ވާހަކަ އެހާ ބޮޑަކަށް ނުދައްކާނެ. ރަނގަޅު އާމްދަނީއެއް ލިބޭ ވާހަކަ ދައްކާނީ" މިނިސްޓަރު ޑރ. މައުސޫމު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ހިޔަޅު.

    ތިކަން ކުރެވޭނެ އެންމެ ތިއަރީއެއް ވުޖޫދުގަ އޮތީ. އެއީ މަރުކަޒީ ބޭންކާ ވިޔަފާރިވެރިން ގުޅިގެން ހިންގާ ޑޮލަރު އަގުބޮޑުކޮށް ވިއްކާ ޖަރީމާ ހުއްޓާލާފަ 1984 ގަ އޮތް ރޭޓައް ޑޮލަރުގެ އަގު ދައްކޮށްގެން. ހިލޭ ލިބުނު ދޮންވެލި ވިއްކާފަ ހޯދި ޑޮލަރު އަހަރުމެންނައް ބޮޑު އަގުގަ ތިޔަ ވިއްކަނީ ކޮން އުސޫލަކުން ކަން ބުނެދީބަލަ.