ހުޅުމާލެ މަތިން ސީޕްލޭން ދަތުރުކުރުން މަނާކޮށްފި

ހުޅުމާލޭ މަތިން ސީޕްލޭން ދަތުރުކުރުން މަނާކޮށްފިއެވެ.
މީގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް ޖައްސާ އުޅަނދުތައް ދަތުރު ކުރަނީ ހުޅުމާލޭ މަތިންނެވެ.
އެމްއޭސީއެލްއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މި މަހުން ފެށިގެން ސީޕްލޭންތައް އެއާޕޯޓަށް ޖައްސާނީ ހުޅުމާލޭ އިރުމަތީ ފަޅުން ނުވަތަ ބީޗާ ދިމާލުން ކަމަށާއި ސީޕްލޭންތައް ނައްޓައިލާނީ ކުރިން ވެސް ނައްޓައިލާ ދިމާލުން ކަމަށެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރާ އެ ސީޕްލޭންތައް އާންމުކޮށް ދަތުރުކުރަނީ އުތުރަށް އަދި އުތުރުދެކުނަށެވެ. ކަނޑު ގަދަ، އަދި ވައި ގަދަ ދުވަސްވަރު ސީޕްލޭންތައް ނައްޓައިލަނީ ހުޅަނގުން އިރަށެވެ.
ސީޕްލޭންތަކުގެ ރޫޓަށް ބަދަލު ގެނައީ، ސަލާމަތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމުގައި ވެސް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.