ގެވެށި އަނިޔާގެ ސަބަބުތަކުގެ ތެރޭގައި ހުސްވަގުތު ބޭކާރު ގޮތުގައި ވޭތުކުރުން ހިމެނޭ: ޚުތުބާ
އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ އަނިޔާތަކާއި ދުރުހެލިވުމުގެ މައްޗަށެވެ.
މިއަދު މި ދިވެހި ވެށީގައި، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައި ވަނީ ވަކި ޖިންސެއްގެ މީހުން ނޫންކަން ޚުތުބާގައި ބަޔާންކޮށްފައިވެއެވެ. މި އަނިޔާ ލިބޭ މީހުންގެ ތެރޭގައި ގިނައީ އަންހެނުންކަން ޚުތުބާގައި ފާހަގަ ކޮށްފައިވީ ނަމަވެސް ގެވެށި އަނިޔާގެ ޝިކާރައަކަށް ފިރިހެނުންނާއި، ކުޑަ ކުދިންނާއި، ދަރިންނާއި، މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، ސްކޫލްތަކުގެ ދަރިވަރުން ވެސް ހިމެނޭކަން ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ.
މިއަދު ގޭގެއާއި އެފަދަ އެހެން ވެށިތަކުގެ ތެރެއިން އަނިޔާއާއި، ޖިންސީ ފުރައްސާރައާއި ގޯނާތައް އިތުރުވަމުން ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށެވެ. އެންމެ ގާތް މީހާގެ މައްޗަށް ވެސް މިއަދު އިތުބާރެއް ނުކުރެވެއެވެ. އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް، ގޯނާއެއް، ތުރާލެއް ކުރުމަކީ އިސްލާމްދީނުގެ މަތިވެރި އަސާސެއް ކަމުގައިވާ އޯގާވެރިކަމާ އަރައިރުންވާ ކަމެކެވެ. ޝަރުޢީ ނައްޞުތަކަށް ބަލާ އިރު ފިރިހެނަކަށް ވިޔަސް، އަންހެނަކަށް ވިޔަސް، ކުޑަކުއްޖަކަށް ވިޔަސް، ބޮޑު މީހަކަށް ވިޔަސް، އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ މާތް ﷲ ޙަރާމް ކުރައްވައިފައިވާ ކަމެކެވެ.
މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
އަދި އެއުރެން ހޯދައިގަތް ކުށަކާ ނުލައި، މުއުމިނު ފިރިހެނުންނަށާއި، މުއުމިނު އަންހެނުންނަށް އުނދަގޫ ކުރާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އެއުރެންނީ ބުހްތާން ދޮގަކާއި، ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބައެކެވެ.
މުސްލިމު އަންހެނުންނަކީ މުޖުތަމަޢުގެ އެއްބައެވެ. އަދި އެކަނބަލުންނަކީ މުސްލިމު ފިރިހެނެއްގެ އަނތްބެއް ނުވަތަ މައެއް ނުވަތަ އުޚްތެއް ނުވަތަ ދަރިއެއް ކަމުގައި ވާއިރު، އެކަނބަލުންނަށް އިހާނެތިކޮށް ހިތުމުގެ ކުރިން، އެކަމާ މެދު ކޮންމެ ފިރިހެނަކު ވިސްނައިލާން ޖެހެއެވެ.
ހަމަ މި މޭރުމުން މުސްލިމު ފިރިހެނުންނަކީ މުސްލިމު އަންހެނެއްގެ ފިރިއެއް ނުވަތަ ބަފައެއް ނުވަތަ އަޚެއް ކަމުގައި ވާއިރު، އެމީހުންނަށް އިހާނެތިކޮށް ހިތުމުގެ ކުރިން އެކަމާ މެދު ކޮންމެ މުސްލިމު އަންހެނަކު ވެސް ވިސްނައިލާން ޖެހޭނެއެވެ.
އެއްވެސް މުސްލިމަކު އަނެކެއްގެ އަބުރާއި ބެހުމާއި، ފުރައްސާރަ ކުރުމާއި، ހޭރުވުމާއި، ޢިއްފަތްތެރިކަމަށް އަރައިގަތުމާއި، އިސްލާމް ދީން ހުއްދަ ނުކުރާ ފާހިޝް ކަންކަން ހިންގުމަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ.
މާތް ނަބިއްޔާ (ޞޢވ) ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
މުއުމިނުންގެ ތެރެއިން އީމާންކަމުގައި އެންމެ ފުރިހަމަ މުއުމިނަކީ، އެންމެ ޚުލްޤު ހެޔޮ މީހާއެވެ. އަދި ތިޔަބައިމީހުން ކުރެ، އެންމެ ރަނގަޅު މީހަކީ އޭނާގެ އަނބިމީހާއަށް އެންމެ ހެޔޮ މީހާއެވެ.
ކީރިތި ރަސޫލާ (ޞޢވ) ގެ އެންމެ ފަހު ވަޞިއްޔަތްތަކުގައި، އަންހެނުންނަށް ހެޔޮކޮށް ހިތުން ހިމެނެއެވެ.
ގެވެށި އަނިޔާގެ ސަބަބުތަކުގެ ތެރޭގައި ހުސްވަގުތު ބޭކާރު ގޮތުގައި ވޭތުކުރުން ހިމެނެއެވެ. ވަގުތަކީ މާތް ﷲ އިންސާނާއަށް ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. ހެޔޮގޮތުގައި އޭގެ ބޭނުން ނުހިފައިފި ނަމަ، ޝައިޠާނާ އޭނާގެ އަތުގައި ހިފައި، ވަގުތުގެ ބޭނުން ނުބައި ގޮތުގައި ހިއްޕުވައެވެ.
ހުރިހާ ބާވަތެއްގެ އިހާނެތި ކަންކަމަކީ އިސްލާމްދީން މަނާ ކުރާ ކަންކަމެވެ. ރަސޫލާ (ޞޢވ) ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
މާތް ﷲ ގެ ޙަޟްރަތުގައި، އެންމެ ބޮޑުވެގެންވާ ރިބާއަކީ ކޮބައިކަން ތިޔަބައި މީހުންނަށް އެނގޭހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. އެކަން އެންމެ މޮޅަށް ދެނެވޮޑިގަންނަވާނީ ﷲއެވެ. އަދިި އެކަން އެންމެ މޮޅަށް ދެނެވަޑައިގަންނަވާތީ އެކަލާނގެ ރަސޫލާ (ޞޢވ) އެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ. ﷲގެ ޙަޟްރަތުގައި އެންމެ ބޮޑުވެގެންވާ ރިބާއަކީ، މުސްލިމެއްގެ އަބުރަށް އަރައިގަތުން ހުއްދަކޮށް ގަތުމެވެ.
ފަހެ މުސްލިމެއްގެ އަބުރާއި، އިއްޒަތާއި، އިއްފަތްތެރިކަމާއި، އޭނާގެ ލެއާއި މުދަލަކީ މާތް ﷲ ހުރުމަތްތެރި ކުރައްވައި ހިމާޔަތް ކުރައްވައިފައިވާ ތަކެއްޗެވެ.