ބޭރުގެ ބޯޓެއް ހެވީ މެއިންޓަނަންސް ކުރާ ފުރަތަމަ ދިވެހި ކުންފުންޏަކަށް ވިލާ
މާމިގިލީ އެއާޕޯޓުގެ މެއިންޓަނަންސް ރިޕެއާ އެންޑް އޯވަހޯލް ފެސިލިޓީގައި ބޭރުގެ ބޯޓެއް ހެވީ މެއިންޓަނަންސް ކުރާ ފުރަތަމަ ދިވެހި ކުންފުންޏަކަށް ވިލާ އެއާ ވެއްޖެއެވެ.
އެ ފެސިލިޓީގައި ހެވީ މެއިންޓެނަންސް ކުރުމުގެ މަސައްކަތް ފަށާފައި ވަނީ ސްރީލަންކާގެ ޗާޓަރު އެއާލައިނެއް ކަމަށްވާ ފިޓްސް އޭވިއޭޝަންގެ މަތިންދާބޯޓެކެވެ.
ވިލާ އެއާއިން ބުނީ ފިޓްސް އޭވިއޭޝަންގެ އޭޓީއާރު 202-72 ގެ މަތިންދާބޯޓެއް ސްރީލަންކާގެ ރަޓްމަލާނާ އެއާޕޯޓުން ފުރައިގެން ސީދާ މާމިގިލީގައި ހުންނަ ވިލާ އެއާޕޯޓަށް އައިސް ޖައްސާފައިވާ ކަމަށެވެ. އެ މަތިންދާބޯޓު މާމިގިލިއަށް އައިސްފައިވަނީ އެ ތަނުގައި ހިންގާ ވިލާ އެއާގެ މެއިޓަނަންސް ރިޕެއާ އެންޑް އޯވާހޯލް ފެސިލިޓީގައި ހެވީ މެއިންޓެނެންސް ކުރުމަށެވެ.
މިއީ ރާއްޖޭން ބޭރުގައި ރަޖިސްޓްރީ ކޮށްފައިވާ މަތިންދާބޯޓެއްގެ ހެވީ މެއިންޓަނަންސް ކުރުމުގެ ފުރުސަތު ރާއްޖޭގެ ފަރާތަކަށް ލިބުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ރާއްޖޭގެ ފެސިލިޓީއަކަށް ބޭރު ގައުމަކުން އެ ގައުމެއްގައި ދުއްވާ މަތިންދާބޯތަކުގެ ހެވީ މެއިންޓެނަންސް ކުރުމުގެ ހުއްދަ ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.
މި ފުރުސަތު ވިލާ އެއާއަށް ލިބުނީ ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އެ ގައުމުގައި ރަޖިސްޓްރީކޮށްގެން އުދުހޭ މި މަރުކާގެ މަތިންދާބޯޓުތަކުގެ ހެވީ މެއިންޓެނަންސް ކުރުމުގެ ހުއްދަ އެ ފަރާތުން އައިސް އިންސްޕެކްޓް ކުރެއްވުމަށްފަހު ވިލާ ކުންފުނީގެ މެއިންޓެނަންސް ރިޕެއާ އެންޑް އޯވާހޯލް ފެސިލިޓީއަށް ދިނުމުންނެވެ.
މި ފުރުސަތު ލިބުމަށް ފަހިކޮށްދިން ކަމަށްޓަކައި ވިލާ އެއާއިން ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި މި ކަމާ ގުޅުން ހުރި ހުރިހާ އިދާރާއެއްގެ ވެރިންނާއި އަމަލީ ގޮތުން އެ ކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
ވިލާ އެއާއިން ބުނީ އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ ވިލާ އެއާގެ މެއިންޓަނަންސް ރިޕެއާ އެންޑް އޯވާހޯލް ފެސިލިޓީއަކީ މި ސަރަހައްދުގައި އުދުހޭ މިފަދަ މަތިންދާބޯޓުތަކަށް މެއިންޓަނަންސްގެ ހިދުމަތް ދޭ ތަނަކަށް ހަދައި ދިވެހި އިންޖިނިއަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށް ދިނުން ކަމަށެވެ.