ޚަބަރު

މަކުނުދޫގައި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ހދ މަކުނުދޫގައި މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

Ads by STELCO

މަކުނުދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ވާފިރު “ދެން”އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މި އެކްސިޑެންޓުގައި ދުއްވަން އިން މީހާއާއި ހިނގާފައި ދިޔަ މީހާއަށް ވެސް އަނިޔާ ވެފައިވާ ކަމަށެވެ. އަދި ދެމީހުންގެ ތެރެއިން ހިނގާފައި ދިޔަ މީހާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށާއި، އެހެންނަމަވެސް ދުއްވަން އިން މީހާގެ ހަރާކަތް ހުރި ނަމަވެސް ނޭވާ ލުމުގައި ދަތިތަކެއް އުޅޭ ކަމަށެވެ.

ހަމައެއާއެކު މި އެކްސިޑެންޓުގައި، ހިނގާފައި ދިޔަ މީހާއަކީ 50 އަހަރުން މަތީ މީހެއް ކަމަށާއި ބޭރުފުށުން ލިބުނު ޒަޚަމު ތަކުގެ ތެރޭގައި އެމީހާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަން ވެސް ވާފިރު ފާހަގަ ކުރިއެވެ. އަދި ދެމީހުން ވެސް މިވަގުތު ތިބީ ވާހަކަ ދެއްކޭ ހާލަތެއްގައި ނޫންކަމުގައި ވެސް އޭނާ ފާހަގަ ކުރިއެވެ.

އެކްސިޑެންޓުގައި ޒަޚަމުވި ދެމީހުންނަށް ވެސް އިތުރު ފަރުވާ ހޯދުމަށް މިހާރު އެމްބިއުލޭންސަށް އަރުވައި ކުޅުދުއްފުށްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ދާ ކަމުގައި ވާފިރު ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މަކުނުދޫގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓު މިއަދު 14:30 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ. އަދި ސައިކަލު ދުއްވަން އިން މީހާ އަތުގައި ލައިސެންސް ވެސް އޮތް ކަމުގައި ފުލުހުން ފާހަގަ ކުރިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!