ޚަބަރު

ތ.އަތޮޅުގެ ހުރިހައި ރަށެއްގައި ސޯލާ ހަރުކުރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތ.އަތޮޅުގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލަރ ހަރުކުރުމަށް ޗައިނާގެ ސައިނޯސޯރ ހައިބްރިޑް ޓެކްނޮލޮޖީއާ ހަވާލުކޮށްފިއެވެ.

Ads by MWSC

މިއަދު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސޯލާ ޕީވީ – ބެޓެރީ - ޑީސަލް ހައިބްރިޑް ސިސްޓަމް ގާއިމު ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާއެވެ. އަދި ސިނޯ ސޮއާ ހައިބްރިޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު ކާއޯ ޒިއައޯމިންގްއެވެ.

މި މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ، މަސައްކަތް ހަވާލު ކުރާ ތާރީޚުން ފެށިގެން 360 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

މި އެއްބަސްވުމުގެ ދަށުން ތ.އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ޖުމްލަ 2.5 މެގަވޮޓްގެ އިރުގެ އަލި ބޭނުންކޮށްގެން ހަކަތަ އުފެއްދޭނެގޮތް ޤާއިމުކުރާނެއެވެ.

އަދި 975 ކިލޯވޮޓުގެ ބެޓެރީ ސިސްޓަމް ޤާއިމުކުރުމާއި 3،180 މީޓަރުގެ ކޭބަލް އެޅުމާއި ޒަމާނީ ފެންވަރުގެ ޖަނެރޭޓަރ ކޮންޓްރޯލް ޕެނަލް ބަހައްޓާނެއެވެ.

ތ.އަތޮޅުގައި ޤާއިމްކުރާ ސޯލާ ހަކަތައިގެ ސަބަބުން، އަހަރަކު 1.2 މިލިއަން ލިޓަރުގެ ޑީސަލް، ނުވަތަ 12 މިލިއަން ރުފިޔާ ސަލާމަތްކުރެވި ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 2،900 ޓަނުގެ ސީއޯ ޓޫ މަދުކުރެވޭނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!