ބެލޮންޑިއޯ އެވޯޑް ހަތްވަނަ ފަހަރަށް މެސީއަށް، ރޮނާލްޑޯ ލައްވައިލީ ހަވަނައިގައި

ފްރާންސް ފުޓްބޯޅައިން ހޮވާ، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާއަށް ދޭ ބެލޮންޑިއޯ އެވޯޑް ހަތްވަނަ ފަހަރަށް ޕީއެސްޖީގެ ފޯވާޑް ، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ކާމިޔާބުކޮށްފިއެވެ.
އެންމެ ގިނަ ބެލޮންޑިއޯ ކާމިޔާބު ކުރުމުގެ ފަޚްރު ހޯދި މެސީ ވަނީ، 2021ގެ އިތުރުން، 2009، 2010، 2011، 2012، 2015، 2019ގައި މި އެވޯޑް ކާމިޔާބުކޮށްފައެވެ.
މިއަހަރުގެ އެވޯޑްގައި، މެސީގެ އެންމެ ބޮޑު ވާދަވެރިޔާ، ޕޯޗުގަލްއާއި މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނީ، ހަވަނައެވެ. ފަސްވަނަ ލިބިފައި ވަނީ ޗެލްސީއަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭއެވެ. ހަތަރުވަނަ ،ކަރިމް ބެންޒެމާއަށް ލިބުނުއިރު ތިންވަނައިގައި ހިމެނުނީ ޖޯޖީނިއޯއެވެ. ދެވަނަ ލިބުނީ އެންމެ މޮޅު ފޯވާޑްގެ ޓްރޮފީ ހޯދި ބަޔާން މިއުނިކްގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޯސްކީއަށެވެ.
މެސީއަށް މި އަހަރުގެ އެވޯޑް ލިބިފައި ވަނީ ކޮޕާ އެމެރިކާގައި ޤައުމީ ޓީމަށް ކުޅެ، ހޯދައިދިން ކާމިޔާބީތަކުންނެވެ. އެންމެ ފަހުގެ ކޮޕާ އެމެރިކާގެ ތަށި އާޖެންޓީނާ އުފުލައިލިއިރު މުބާރާތުގެ ހުރިހާ އެވޯޑެއްހެން ލިބިފައި ވަނީ މެސީއަށެވެ.