ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ފެންފުށީ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ކުރިޔަށްގެންދާ ބައެއް މަޝްރޫޢުތަކާ ގުޅޭގޮތުންނާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ނަރުދަމާ ނިޒާމުގެ މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ނަރުދަމާ ނިޒާމާ އެކު ފެނުގެ ނިޒާމު ޤާއިމުކުރުމާ ގުޅޭގޮތުންނާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭގޮތުންނާއި ސްކޫލަށް އިތުރު 8 ކްލާސްރޫމުގެ އިމާރާތެއްގެ މުހިންމުކަމާއި ހެލްތު ސެންޓަރު އެހެން ސަރަޙައްދަކަށް ބަދަލުކުރުން ފަދަ ކައުންސިލާއި ރައްޔިތުން ބޭނުންވާ މުހިންމުކަންކަން ހިމެނެއެވެ. މީގެ އިތުރުން ރަށުގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް ބިން ހިއްކުމާއި އައު މިސްކިތަކާއި ކައުންސިލު އިދާރާގެ އައު އިމާރާތެއް އެޅުމުގެ މުހިންމުކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާއި އަސާސީ ކަންކަން ފުރިހަމަކޮށްދިނުމުގައި އާބާދީ ކުޑަރަށަކާއި އާބާދީ ބޮޑުރަށެއްގެ މެދުގައި ސަރުކާރުން ތަފާތު ނުކުރައްވާނެ ކަމަށެވެ.
ފެންފުށީގެ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބަނދަރުގެ މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭ ގޮތުންނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭގޮތުން އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ކައުންސިލަރުން ފާހަގަކުރެއްވި މަޝްރޫޢުތަކާއި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ހިއްސާ ކުރައްވައިފައެވެ.