މިއަހަރު ދައުލަތުގެ ބެލުމުގެ ދަށަށް 25 ކުއްޖަކު ގެންދިޔަ

މި ހިނގާ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށަށް ޖުމްލަ 25 ކުއްޖަކު ނަގައިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ގެންދަނީ ކޮންމެ މަހަކު ވެސް ހުށަހަޅާ މައްސަލަތަކުގެ ތަފާސްހިސާބު އާންމުކުރަމުންނެވެ. އެގޮތުން މައްސަލަތަކުގެ ތަފާސްހިސާބު އާންމުކުރާއިރު، ކޮންމެ މަހެއްގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންނާއި އެ ނިޒާމުން ނުކުންނަ ކުދިންގެ މައުލޫމާތު ވެސް ޖެންޑާއިން އާންމު ކުރެއެވެ.
އެންމެ ފަހުން ޖެންޑާއިން އާންމު ކުރި މައުލޫމާތަށް ބަލާއިރު މިދިޔަ ޖެނުއަރީ މަސް ނިމުނު އިރު ދައުލަތުގެ ބެލުމުގެ ދަށުގައި 222 ކުދިން ތިބި އިރު، އޮކްޓޫބަރު މަސް ނިމުނު އިރު އެ އަދަދު ވަނީ 210އަށް ދަށްވެފައެވެ.
މި އަހަރު ދައުލަތަށް އެންމެ ގިނަ ކުދިން ޖޫން މަހު ނެގި ކަމަށް ހިސާބުތަކުން ދައްކައެވެ. އޯގަސްޓު އަދި ސެޕްޓެމްބަރު މަހު އެއްވެސް ކުއްޖަކު ނަގައިފައެއް ނުވެއެވެ.
އޮކްޓޯބަރުގެ ނިޔަލަށް 25 ކުއްޖަކު ދައުލަތަށް ނެގި އިރު، އެ މުއްދަތުގައި 34 ކުއްޖަކު ވަނީ ރީއިންޓަގްރޭޓް ކޮށްފައެވެ.