ހާއްސަ އެހީއަަށް ބޭނުންވާ މީހަކު ނުރައްކާތެރި އެކްސިޑެންޓެއް ވެއްޖެ
ހާއްސަ އެހީއަށް ބޭނުންވާ މީހަކު ދުއްވަން އިން ސައިކަލެއްގައި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގައިފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ބްރިޖާ ކައިރިން، މިއަދު މެންދުރުގެ ވަގުތެއްގައެވެ.
އެނގިފައިވާ ގޮތުގައި އެމީހާ ދުއްވަން އިން ސައިކަލުގައި އެ ކާރުން ޖެހުމުން ވެސް، ކާރު ޑްރައިވަރު ވަނީ އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދީ ފިލައިފައެވެ.
ހާއްސަ އެހީއަށް ބޭނުންވާ އެ ފިރިހެން މީހާގެ އާއިލާއިން މައުލޫމާތު ދިން މީހަކު ބުނީ، އެމީހާގެ ތަލި މަތިން ފަޅައިގެން ގޮސްފައިވާ ކަމަށެވެ.
"ލޭ މަނާ ނުވެގެން އަދިވެސް އުޅެނީ. ސްކޭނެއް ހަދަން ޖެހޭ އެކަމަކު ޓްރީޓޮޕް ހޮސްޕިޓަލަށް އޭނަ ގެންދާނެހާ ފައިނޭންޝަލީ ސްޓޭބަލްއެއް ނޫން. އެހެންވެ މިހާރު މިބަލަނީ އޭޑީކޭއަށް ގެންދެވޭތޯ" އާއިލާއިން ބުންޏެވެ.
ހާއްސަ އެހީއަށް ބޭނުންވާ އެ މީހާއަށް މިހާރު ހުޅުމާލޭ ހޮަސްޕިޓަލުން އަންނަނީ ފަރުވާ ދެމުންނެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެކްސިޑެންްޓެއް ހިނގައިފައިވާ ކަމަށާއި އިތުރު މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށެވެ.
"ދެން"އަށް އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ މ. ކިނބިދޫގޭ ޚާލިދު ޢަބްދުﷲ (40އ.) އަށެވެ. އޭނާ އަކީ ރަނގަޅަށް ނުހިނގޭ އަދި ވާހަކަ ވެސް ނުދެއްކޭ މީހެކެވެ.
އެކްސިޑެންޓުވުމުން އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްދީފައި ވަނީ ވެސް ފުލުހުންގެ އެހީތެރިކަމުގައެވެ.