ރާއްޖެއަށް އޮމިކްރޮން ވޭރިއެންޓް އައީ އެފްރިކާ ފަތުރުވެރިއެއްގެ ފަރާތުން

ރާއްޖެއިން ފެނުނު އޮމިކްރޮން ވޭދަނައަކީ ދެކުނު އެފްރިކާއިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިއެއް ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ރާއްޖެއިން ފެނިފައިވާ މިކްސްއަކީ ނޮވެމްބަރ 21ގައި ސައުތު އެފްރިކާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޓުއަރިސްޓެއްގެ ފަރާތުން ފެނުނު ވޭދަނައެއް ކަމަށެވެ.
މި ވޭދަނައިގެ ވޭރިއަންޓާ ބެހޭ މައުލޫމާތު ލިބިފައި ވަނީ ވޭރިއަންޓް ދެނެގަތުމަށް ޓަކައި ޖިނޯމިކް ސިކުއެންސިންގ ހެދުމަށް ރާއްޖެއިން ބޭރަށް 30 ނޮވެމްބަރގައި ފޮނުވުނު ސުންކުތައް ޓެސްޓުކުރުމުން ކަމަށާއި ޖިނޯމިކް ސިކުއެންސިން ހެދުމަށް ޓަކައި ޤަވާއިދުން ވަކި އަދަދެއްގެ ސުންކުތައް ޑަބްލިޔޫ.އެޗް.އޯގެ އެހީގައި ޓެސްޓުކުރަމުން ދާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
އެޗްޕީއޭއިން އިތުރަށް ވިދާޅުވީ، ދެކުނު އެފްރިކާއިން ރިޕޯރޓްކޮށްފައިވާ އޮމިކްރޯން ވޭރިއަންޓަކީ މިހައިތަނަށް ފެނިފައިވާ ޓޭރިއަންޓްތަކަށް ވުރެ ގިނަ މިއުޓޭޝަންތަކެއް ހިމެނޭ ވޭރިއަންޓެއް ކަމަށާއި މިއީ އިތުރު ނުރައްކާތެރިކަމާ ކުރިމަތިވެދާނެ ޓޭރިއަންޓެއް ކަމަށާއި މި ވޭރިއަންޓާ މެދު އިތުރު ސަމާލުކަން ދިނުމަށް އެޖަމްޢިއްޔާއިން ގޮވައިލައްވާފައިވާ ކަމަށެވެ.
އަދި ވޭރިއަންޓް ދެނެގަތުމަށް ޓެސްޓުކުރުމަށާއި ބަލި ފެތުރުމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް ގޮވައިލައިފައިވާ ކަމަށާއި މި ޓޭރިއަންޓާ ބެހޭ ގޮތުން އިތުރު ދިރާސާތައް ކުރެވި ކަމާ ބެހޭ މައުލޫމާތުތައް އެއްކުރުމަށް ފަންނީ މަސައްކަތްތައް ކުރެވެމުން ދާއިރު މި ވޭރިއަންޓް ފެނިފައިވާ ޤައުމުތަކުގައި ބަލި ފެތުރުން އިތުރުވަމުންދާ ކަމަށް މައުލޫމާތު ލިބެމުންދާ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.
މިހައި ތަނަށް ރާއްޖެއާ އެކު 46 ގައުމަކުން އޮމިކްރޮން ފެނިފައިވާ ކަމަށް މިހާރު ރިޕޯރޓް ކޮށްފައިވެއެވެ. އެޗްޕީއޭއިން ވަނީ ހުރިހާ ފަރާތްތަކުން ވެސް މިކަމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.