ސަން ޓްރެވެލްސްގެ އެކައުންޓުތައް ފްރީޒްކުރި އަމުރު ބާތިލެއް ނުކުރި
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސްއާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލް ކުންފުނިިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ތަންފީޒު ކުރުމުގައި، ސަން ޓްރެވަލްސްގެ އެކައުންޓުތައް ފްރީޒްކުރަން ކޯޓުން ކުރި އަމުރުތައް ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން އިއްޔެ ނިންމައިފިއެވެ.
ސަން ޓްރެވެލްސްއިން ނ. މެދުފުށީގައި ތަރައްގީކުރި އިރުފުށި ރިސޯޓު މެނޭޖްކުރުމަށް ހިލްޓަންއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ.
އެ ރިސޯޓު ހިންގުމުގައި ހިލްޓަނުން ތަކުރާރުކޮށް އެއްބަސްވުމާ ހިލާފުވަމުން ދާ ކަމަށް ބުނެ 2013ވަނަ އަހަރުގެ އޭޕްރީލް މަހުގައި ސަން ޓްރެވަލްސްއިން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފައެވެ.
އެއްބަސްވުން ބާތިލު ކުރުމާ ގުޅިގެން މެއި 2013ގައި ހިލްޓަންގެ ފަރާތުން އިންޓަނޭޝަނަލް ޗެމްބާ އޮފް ކޮމާސްގެ، އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަނަށް ވަނީ އެ މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހެޅުމުން އާބިޓްރޭޝަނުން ހުކުމް ކުރީ ހިލްޓަނަށް 24 މިލިއަން ޑޮލަރު (370.8 މިލިއަން ރުފިޔާ)ގެ ބަދަލެއް ދިނުމަށެވެ.
އެ ހުކުމް ތަންފީޒު ނުކުރުމުން 2020ގައި ހިލްޓަން އިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. އަދި އެ ކޯޓުން ތަންފީޒީ ފިޔަވަޅެއްގެ ގޮތުން ސަން ޓްރެވަލްސްގެ ބޭންކު އެކައުންޓްތައް ފްރީޒް ކުރިއެވެ.
ސިވިލް ކޯޓުގެ އަމުރާ ގުޅިގެން ހަތަރު ބޭންކެއްގައި ހުޅުވައިފައި ހުރި ސަން ޓްރެވަލްސްގެ އެކައުންޓުތަކުގައި ހުރި ފައިސާ ހިފެހެއްޓިއެވެ. އޭގެ ތެރޭގައި 246،298 ރުފިޔާއާއި، 762،825 ޑޮލަރު އަދި 35،019 ޔޫރޯ ހިމެނެއެވެ.
އެ އަމުރާ ގުޅިގެން ސަން ޓްރެވަލްސްއިން ވަނީ އެ އަމުރުތައް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އިސްތިއުނާފުގެ މައްސަލައިގައި ހައި ކޯޓުން އިއްޔެ ކުރި ހުކުމްގައި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައި ވިދާޅުވީ އެކައުންޓުތައް ފްރީޒްކުރުމަށް ކޮށްފައިވާ އަމުރު ބާތިލްކުރަން ޖެހޭ ކަމަށެވެ. އަދި ބިދޭސީ އާބިޓްރަލް އެވޯޑެއް ކޯޓުން ބަލައިގަނެ ރިކޮގްނިޝަން އޯޑަރެއް ނެތި، އެކައުންޓުތައް ފްރީޒްކުރަން ސިވިލް ކޯޓުން އަމުރެއް ނެރުނީ އެ ކޯޓަށް ލިބިފައިވާ އިހްތިސޯސުން ބޭރުން ކަމަށް ވެސް ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.
ހައި ކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގައި އިންނެވި ފަނޑިޔާރު ހުސައިން މަޒީދުގެ ރައުޔުގައި ވިދާޅުވީ ބިދޭސީ އާބިޓްރަލް އެވޯޑެއް ތަންފީޒުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅުމުން އެ އެދެވުނީ ގާނޫނުގައި ބުނާ ފަދައިން އެވޯޑް ބަލައިގަނެ އަދި ތަންފީޒުކުރުމަށް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
ފަނޑިޔާރު ފާތިމަތު ފަރްހީޒާގެ ރައުޔުގައި ވިދާޅުވީ ސަން ޓްރެވަލްސްއިން ފާހަގަކުރާ ފަދައިން އެވޯޑެއް ބަލައިނުގަނެ އޮތުމަކީ އެވޯޑަކާ ގުޅިގެން ފިޔަވަޅު އެޅުމަށް ކޯޓުގެ އިހްތިސާސް ގެއްލޭކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ހައި ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމީ، ސިވިލް ކޯޓުން ބޭންކުތަކުގެ މައްޗަށް ކުރި އަމުރުތައް ބާތިލްކުރާނެ ތަނެއް ނެތް ކަމަށެވެ.