ޚަބަރު

ޑްރައިވަރު ގާސިމްގެ މަރު: އަދުހަމްގެ ޝަރީއަތެއް މާދަމާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތޫނު އެއްޗެއް ބޭނުން ކޮށްގެން މަރައިލައިފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ޅ.ހިންނަވަރު ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ތާވަލު ކޮށްފިއެވެ.

Ads by STELCO

ކްރިމިނަލް ކޯޓުގައި މި ޝަރީއަތް ތާވަލުކޮށްފައި ވަނީ މެންދުރުފަހު 2 ޖަހާއިރަށެވެ. އަދުހަމްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ގާސިމް ހަސަންގެ ކަރަށް ވަޅި ހަރައި، މަރައިލައިފައި އޮއްވާ ފެނުނީ ހުޅުމާލެ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސް މަގުންނެވެ. މި ހާދިސާ ހިނގައިފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4ވަނަ ދުވަހުގައެވެ.

މި މައްސަލައިގެ ތަހުގީގު މަރުހަލާގައި މީގެ ކުރިން އަދުހަމް ވަނީ، ކުށަށް އިއުތިރާފު ވެފައެވެ. އަދި މައްސަލައިގެ ތަހުގީގު އަވަސްކޮށް އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވައިލާން ވެސް އޭރު އޭނާ ވަނީ އެއްބަސްވެފައެވެ. ފަހުން އޭނާ ވަނީ އެ ކުށަށް އިންކާރު ކޮށްފައެވެ.

ނަމަވެސް ކުށަށް އިއުތިރާފުވެ، ފަހުން އަދުހަމް ބުނީ އޭނާ އެކަމަށް އިންކާރުކުރީ ޖަލުގައި އެއިރު އޭނާ ހުރި ގޮޅީގައި ތިބި ގައިދީން ބިރު ދައްކާ މަޖުބޫރު ކުރުމުން ކަމަށާއި ނަމަވެސް މިހާރު ޖަލުގައި އެކަނި ގޮޅިއެއްގައި އޮންނާތީ އެެއްވެސް ނުރަކަލެއް ނެތް ކަމަށެވެ. އަދުހަމް ވަނީ ގާސިމްގެ ވާރިސުންގެ ކިބައިން މައާފަށް އެދި އަދަބު ލުއިކޮށްދިނުމަށް އެދޭކަމަށް ވެސް ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!