އަރަބިއްޔާގެ ދަރިވަރުން އިޒުއްދީން ސްކޫލަކަށް ނުފޮނުވާނަން: ބެލެނިވެރިން

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ނުފޮނުވާނެ ކަމަށް އަރަބިއްޔާގެ ބެލެނިވެރިން ބުނެފިއެވެ.
އަރަބިއްޔާ ސްކޫލް ހިންގަމުން އަންނަ އިމާރާތުގައި ވަރަށް ބޮޑަށް ރެނދުލައި ހަލާކުވުމުގެ ސަބަބުން، ބެލެނިވެރިން ވަނީ އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމުގެ ހައްލެއްގެ ގޮތުގައި އެ މިނިސްޓްރީން އެންމެ ފަހުން ނިންމީ އިއްޒުއްދީން ސްކޫލުގައި އަރަބިއްޔާގެ ދަރިވަރުންނަށް ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖައްސައި އެ ސްކޫލަށް ދެވަނަ ޓާމުން ފެށިގެން ދަރިވަރުން ބަދަލު ކުރުމަށެވެ.
ނަމަވެސް އެހެން ސްކޫލަކާ ހިއްސާވާގޮތަށް ދަރިވަރުން ނުފޮނުވާނެކަމަށް އަރަބިއްޔާގެ ބެލެނިވެރިން އެންމެ ފަހުން ބޭއްވި ބައްދަލުވުމެއްގައި ހުރިހާ ބެލެނިވެރިން ވަނީ އިއްތިފާގުވެފައެވެ.
މިކަމާ ގުޅޭގޮތުން "ދެން"އަށް މައުލޫމާތު ދެމުން އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިއަކު ބުނީ މިކްސް ކުރަންޖެހެންޏާ އެތަނަކަށް ދަރިވަރުން ނުފޮނުވާނެ ކަމަށް ހުރިހާ ބެލެނިވެރިން އިއްތިފާގުވެފައިވާ ކަމަށެވެ.
"އެޑިއުކޭޝަނުން ދިން އޮޕްޝަންތަކުގައި ހަގީގަތުގައި އެއްވެސް އޮޕްޝަނަކަށް ވާކަހަލަ އޮޕްޝަނެއް ނުދޭ. އެއް އޮޕްޝަނަކަށް ބުނީ އެހެން ބަޔަކާ މިކްސް ވެގެން ހުޅުމާލެއަށް ދާން. ދެން ދިނީ ވިލިމާލެއަށް ދާން. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށް މިނިސްޓަރ ވިދާޅުވީ ފެރީ ވެސް ހަމަޖައްސައި ދޭނަމޭ. ދެން ދިނީ އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމުގެ އޮޕްޝަން. އެ ސްކޫލަކީ މިތަނުގެ ޖާގައާ އަޅައި ބަލާއިރު ޖާގައިގެ ގޮތުން ވެސް ކުޑަ ތަނެއް. އެމީހުން ބުނީ ޝެއާވާ ގޮތަށޭ، އެއީ ހެނދުނު ގަޑީގައި ހައެއްކަ ކްލާސް." ނަން ނުޖެހުމަށް ޝަރުތުކޮށް ބެލެނިވެރިޔާ ކިޔައިދިނެވެ.
ބެލެނިވެރިޔާ އިތުރަށް ބުނީ އިއްޒުއްދީން ސްކޫލަށް ދަރިވަރުން ބަދަލު ކުރުމަށްސްކޫލް ބޯޑުންނާއި، މެނޭޖްމަންޓާއި ބެލެނިވެރިން ވެސް ވަނީ ދެކޮޅު ހަދައިފައި ކަމަށާއި އެކަން އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް އަންގައިފައިވާ ކަމަށެވެ.
މީގެ އިތުރުން ބެލެނިވެރިޔާ ބުނީ އަރަބިއްޔާ ސްކޫލްގެ މައްސަލަ ހައްލު ކުރަން ގޮވައިލައި ވަރަށް އަވަހަށް ބެލެނިވެރިން އިހުތިޖާޖަށް ނިކުންނަން ވެސް ނިންމައިފައިވާ ކަމަށެވެ.
އަރަބިއްޔާ ސްކޫލްގެ މި ކަންބޮޑުވުންތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.




.webp)
ކޮމެންޓް