ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތާ ހަވާލުވެ، ފައިސާތަކާ އެކު "ފިލާ" މައްސަލަތަކެއް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ފިނިޝިންގެ މަސައްކަތާ ބައެއް މީހުން ހަވާލުވެ، ފައިސާ ނެގުމަށް ފަހު އެ މަސައްކަތް ނުނިންމައި އަދި ފައިސާ ވެސް އަނބުރާ ނުދީ މަސައްކަތް ދޫކޮށްލާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
ހިޔާ ފްލެޓުތަކުގެ ފިނިޝިންގެ މަސައްކަތް ނިންމުމަށް ކުލި ނުދައްކާ ގޮތަށް ދީފައިވާ ތިން މަސް ދުވަހުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. އޭގެ ފަހުން އެ ފްލެޓުތައް ނުނިމި ހުރި ކަމުގައި ވިޔަސް، ކޮންމެ މަހަކު ދައްކަން ޖެހޭ ކުލި އެޗްޑީސީއަަށް ދައްކަން ޖެހެއެވެ.
ނަމަވެސް އެ ފްލެޓުތަކުގެ ފިނިޝިންގް މަސައްކަތާ ހަވާލުވެ، އެ މަސައްކަތް ނުނިންމާ އަދި އެޑްވާންސްކޮށް ދޭ ފައިސާތައް ވެސް އަނބުރާ ނުދީ ބައެއް މީހުން އެ މަސައްކަތްތައް ހުއްޓާލާތީ އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.
ހިޔާ ފްލެޓުތަކުގެ ރަށްވެހިންގެ ޖަމްއިއްޔާގެ ރައީސް އަބްދުﷲ އަޒްމަލް އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން މިއަދު ބުނީ ހިޔާ ފްލެޓްތައް ހެދުމަށް މަަސައްކަތް ނެގި ބައެއް ކޮންޓުރެކްޓަރުން އެއްބަސްވި ދުވަހަށް މަސައްކަތް ނުނިންމުމާއި ބައެއް މީހުން އެޑްވާންސަށް ފައިސާ ނެގުމަށް ފަހު އެއްވެސް ވަރަކަށް ހަބަރެއް ނުވާކަމުގެ ޝަކުވާތައް ލިބެމުން ދާ ކަމަށެވެ.
އެ ޖަމިއްޔާއިން އެފަދަ 28 މައްސަލައެއް މިހާރު ވެސް ބަލަމުންދާ ކަމަށާއި މީގެ ކުރިން އެ ފަދަ ހަ މައްސަލައެއް ހައްލު ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެ ނޫހަށް މައުލޫމާތު ދެމުން އަޒްމަލް އިތުރަށް ވިދާޅުވީ، އެކަހަލަ މައްސަލަތައް ހައްލުކުރަން އެންމެ ބޮޑަށް އުނދަގޫވާ އެންމެ ބޮޑު އެއް ސަބަބަކީ ގިނަ ފަހަރަށް ކޮންޓުރެކްޓެއް ވެސް ނުހަދައި ހަމައެކަނި އަނގަބަހުން އެއްބަސްވެ ފައިސާގެ މުއާމަލާތްތަކެއް ކޮށްފައި ހުރުން ކަމަށެވެ.