ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ތައްޔާރުވާން ފަށައިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ކެންސަރު ބަލީގެ އާލާސްކަންފުޅެއްގައި ހުސައިން ވަހީދު އަވަހާރަވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން އީސީން ބުނީ މެމްބަރު އަވަހާރަވިކަމުގެ ލިޔުންތައް ކަމާ ބެހޭ އިދާރާތަކުން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގާނޫނުގައި ބުނެފައި ވަނީ ދާއިރާއެއްގެ ގޮނޑި ހުސްވާތާ އެންމެ ގިނަވެގެން 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭނެ ކަމަށެވެ. އީސީން ބުނެފައި ވަނީ އެ މުއްދަތުގެ ތެރޭގައި އިންތިހާބު އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް ވަކި ތާރީހެއް އީސީން ނުދެއެވެ.
އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ހުސައިން ވަހީދު އަވަހާރަވީ ދެ އަހަރެއްހައި ދުވަހު ކެންސަރު ބަލީގެ އާލާސްކަންފުޅެއްގައި އުޅުއްވުމަށް ފަހުއެވެ. ރާއްޖެއިން ބޭރުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހުސައިން ވަހީދު ފަރުވާ ހޯއްދެވިއެވެ. އަވަހާރަވިއިރު ފަރުވާ ހޯއްދަވަމުން ގެންދެވީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލް މަރުހޫމް ހުސައިން ވަހީދު
ހުސައިން ވަހީދު އަވަހާރަވިއިރު އުމުރުފުޅުން 53 އަހަރެވެ. އެމަނިކުފާނުގެ އަނބިކަނބަލަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.
ކޮމަންޑޫ ދާއިރާގައި ހިމެނެނީ ތިން ރަށެކެވެ. އެއީ ށ. އަތޮޅު ފޯކައިދޫއާއި މަރޮށީގެ އިތުރުން ކޮމަންޑޫއެވެ.