އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު މި އަހަރު ގިނަ
ވޭތުވެދިޔަ ތިން އަހަރާ (2018-2020) އަޅައިބަލާއިރު، މި އަހަރުގެ މިހައިތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާ މީހުން ވަނީ އިތުރުވެފައި ކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ވަނީ ރާއްޖޭގައި "ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ" ހާލަތު އަންގައިދޭ ރިޕޯޓެއް އާންމުކޮށްފައެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ތިން އަހަރާ އަޅައިބަލާއިރު މި އަހަރުގެ މިހައިތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާ މީހުން ވަނީ އިތުރުވެފައެވެ. ނަމަވެސް މިދިޔަ އޮކްޓޯބަރު މަހާ އަޅައި ބަލާއިރު ނޮވެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު ދަށްކަން ހެލްތު މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.
ހެލްތުން ބުނެފައި ވަނީ މިއަހަރުގެ އޮކްޓޯބަރު މަހާ އަޅައިބަލާއިރު ނޮވެމްބަރު މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު އަދަދު ވަނީ މަދުވެފައި ކަމަށެވެ. އަދި މީގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ އަދަދު ވެސް ދަށަށް ގޮސްފައިވާކަން އެ މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ. އެހެންކަމުން ނިސްބަތުން ނޮވެމްބަރު މަހުގެ ޕޮޒިޓިވިޓީ ވަނީ ދަށް ވެފައެވެ.
މީގެ އިތުރުން، ވޭތުވެދިޔަ ތިން އަހަރާ އަޅައިބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު ވެސް މަދުކަން ވަނީ ފާހަގަކޮށްފައެވެ. މިދުވަސްވަރު މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދު ކަމުގައިވީ ނަމަވެސް ޑެންގީއާއި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންްޓްރޯލު ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ހެލްތު މިނިސްޓްރީން ނަސޭހަތްތެރި ވެފައިވެއެވެ.
ހެލްތުގެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ ވޭތުވެދިޔަ ތިން އަހަރާ އަޅައިބަލާއިރު މިއަހަރުގެ މިހައިތަނަށް ބޭރަަށްހިންގުން ޖެހިގެން ރިޕޯޓުކުރި އަދަދު ވެސް އިތުރުވެފައި ނުވާ ކަމަށެވެ.