ޚަބަރު

"ތިކި"އާ އެކު ލޭ ހޯދުމުގެ ބުރައަށް ލުޔެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ތިކި އެޕްލިކޭޝަން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ޓީމް.. ފޮޓޯ: އައިކޭންޑީ

ލޭ ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ލ.އަތޮޅުގެ ޒުވާނުންތަކެއް އިސްނަގައިގެން "ތިކި" ނަމުގައި ޚާއްސަ އެޕްލިކޭޝަނެއް ތަޢާރަފްކޮށްފިއެވެ.

Ads by STELCO

އިއްޔެ ލ.ފޮނަދޫގައި ބޭއްވި ހަފްލާއެއްގައި ، ލ.އަތޮޅުން ފެށިގެން ދެކުނުގެ ހުރިހާ ރަށަކަށް ހުޅުވައިލި މި އެޕްލިކޭޝަން ތަޢާރަފްކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްލާއިލްއެވެ.

"ތިކި" އެޕްލިކޭޝަނަކީ ލޭ ހަދިޔާކުރާ މީހުންނާއި ލޭ ބޭނުންވާ މީހުން އެއް ޕްލެޓްފޯމަކަށް ގެނައުމުގެ ގޮތުން ތަޢާރަފްކުރި އެޕްލިކޭޝަނެކެވެ. މިކަމުގެ ސަބަބުން ލޭ ހޯދުމަށް ކުރަންޖެހޭ މަސައްކަތް މިހާރަށް ވުރެ ކުޑަވެގެން ދާނެކަމަށް މި އެޕްލިކޭޝަން ތަޢާރަފްކުރި ފަރާތުން ވަނީ ބުނެފައެވެ. އަދި ލޭ ނުލިބުމުގެ ސަބަބުން ނުވަތަ ލޭ ލިބުން ލަސްވުމުގެ ސަބަބުން ކުރިމަތިވާ އެކިކަހަލަ ހިތާމަވެރި ކަންކަމާއި ކުރިމަތިލާންޖެހުން މަދުކުރުމަކީ ވެސް މިކަމުގެ އެއް މަޤުސަދެވެ.

އެޕްލިކޭޝަން ލޯންޗުކޮށްފައި ވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި އެޕްލިކޭޝަން ބޭނުންކުރާނީ، ލ، ތ، ގއ، ގދ، އައްޑޫ ސިޓީ، އަދި ފުވައްމުލައް ސިޓީގައެވެ. މި އެޕްލިކޭޝަން ބޭނުން ކުރުމަށް ލޮގިން ވާކަށް ނުޖެހެއެވެ. އެހެން ނަމަވެސް ޑޯނާއެއްގެ ގޮތުގައި ނަން ހިމެނުމަށް ރަޖިސްޓަރ ވާން ޖެހޭނެވެ. އެގޮތުން މި އެޕްގައި ރަޖިސްޓަރ ވެވޭ ފޯމެއް އެޕްގައި ހިމަނައިފައިވެއެވެ. އަދި އެޕްގެ ހޯމް ޕޭޖުން ރަޖިސްޓަރ ވެފައިވާ ހުރިހާ ޑޯނަރުންގެ މަޢުލޫމާތުތައް ފެންނަން ހުންނާނެއެވެ. އަދި ހަމަ ހޯމް ޕޭޖުން ރަށް، އަދި ލޭގެ ގްރޫޕު ބޭނުންކޮށްގެން ޑޯނަރުން ފިލްޓަރ ވެސް ކުރެވޭނެއެވެ. އަދި ކޮންމެ ޑޯނަރއެއް ވެސް ލޭ ހަދިޔާކުރުމާ އެކު 90 ދުވަހަށް އެ ޑޯނަރަކު އެޕުން ގެއްލޭނެއެވެ.

މި އެޕްލިކޭޝަންގައި "އެކްސްޕްލޯރ" ކިޔާ ސެކްޝަނެއް ވެސް ހިމަނައިފައިވާނެއެވެ. އެ ސެކްޝަނުގައި ހުންނާނީ ލޭ ހޯދާ ފަރާތްތަކުގެ މަޢުލޫމާތެވެ. އެގޮތުން ކޮންމެ މީހަކު ވެސް ލޭ ބޭނުންވެގެން އެޕްލިކޭޝަނުގައި ޕޯސްޓެއް ކޮށްފިނަމަ މިބައިން އޭގެ މައުލޫމާތު ލިބެން ހުންނާނެއެވެ. އަދި ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެބައިން ލޭ ހޯދާ ފަރާތްތަކާ ގުޅޭނެއެވެ. މި އެޕްލިކޭޝަނާ އެކު އެޕްލިކޭޝަން ބޭނުންކުރާ ހުރިހާ ހޮސްޕިޓަލަކަށް ވެސް "ހަސްފަތާލު ޕޯޓަލް"ގެ ލޮގިންއެއް ދެވޭނެއެވެ. ޑޯނަރުން ލޭ ހަދިޔާކުރުމުން އެކަން އެޕްލިކޭޝަނަށް އަޕްޑޭޓްކުރާނީ މި ޕޯޓަލްއިންނެވެ.

މި އެޕްލިކޭޝަން އިފްތިތާހު ކުރުމަށް ފަހު ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން ވިދާޅުވީ ލޭ ހޯދާ ފަރާތްތަކަށާއި، ލޭ ބޭނުންވާ ފަރާތްތަކަށް މިފަދަ ފަސޭހަ މަގެއް ޒުވާނުން އިސްވެ ތަޢާރަފްކުރި ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި މިއީ ލޭ ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކަމާއެކު އެކަމުގެ މަގު ފަހިވެގެންދާނެ ކަމެއްކަމަށް ހުސެން ވިދާޅުވިއެވެ.

އެފްލިކޭޝަން ތަޢާރަފްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އަހުމަދު އަނަސް ވިދާޅުވީ މިއީ ކުޑަކުޑަ ޚިޔާލަކާ އެކު ފެށުނު ބޮޑު އުންމީދެއް ކަމަށެވެ. އުންމީދު ހަޤީޤަތަށްވުމުގައި އެތައް ބައެއްގެ ބައިވެރިވުން ބޮޑުކަމަށް ވެސް އަނަސް ވިދާޅުވިއެވެ. މިއީ އަދި ފެށުމެއް ކަމަށާއި، އަމާޒަކީ މުޅިރާއްޖެއަށް "ތިކި" އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާ އެކު ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް އަނަސް ވިދާޅުވިއެވެ.

"ތިކި" ފައުންޑަރު އަނަސް ވާހަކަ ދައްކަނީ.. ފޮޓޯ: އައިކޭންޑީ

މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ލޭ އަޅަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިވެގެންދާނެއެވެ. އަދި ލ.އަތޮޅުގައި މިހާރު ހުއްޓިފައި އޮތް ތެލެސީމިއާ ވޯޑުވެސް ވަރަށް އަވަހަށް ފަށައި އެޚިދުމަތް ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ލ.އަތޮޅު ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި މިހާރު ވެސް ލޭ އަޅާ 600އަށް ވުރެ ގިނަ ކުދިން އެބަތިއްބެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބައި ކުދިންނަކީ މާލޭގައި ދިރިއުޅެމުން އަންނަ ކުދިންނެވެ.

ރާއްޖޭގައި ތެލެސީމިއާގެ ސަބަބުން ލޭ އަޅަންޖެހޭ މީހުންގެ ދަފްތަރުގައި މިހާތަނަށް 861 ފަރާތެއް ރަޖިސްޓްރީކޮށްފައިވާއިރު، މީގެތެރެއިން ދުނިޔޭގައި ތިބީ 630 މީހުންނެވެ. އަދި މީގެ ތެރޭގައި އެވްރެޖް ގޮތެއްގައި ގިނައީ 16 އަހަރުން ދަށުގެ ކުޑަކުދިންކަމަށާއި، ގާތްގަނޑަކަށް މަހެއްގެ މައްޗަށް މިފަދަ ދެ ކުދިންގެ ނިސްބަތުން އިތުރުވަމުންދާކަން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

  1. ޑޯނަރ

    މިހާރުވެސް ވިންދު ކިޔާ އެޕް އެއް ހުރޭ ހަދާފަ. ކޮންމެ އަތޮޅަކަށް އެޕް އެއް ހެދުމަށްވުރެ އެންމެން އެކައްޗެއް ބޭނުން ކުރުން ރަނގަޅުވާނެ ކަންނޭނގެ

  2. ޑޯނާރ

    ގއ އެޑް ނުކުރެވޭ އަދި