ޚަބަރު

ހުސެއިން ޔޫސުފް އަވަހާރަވުން: މުޅި ލާމު އަތޮޅަށް ލިބުނު ހިތްދަތިކަމެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ދެކުނު އެންމެ ބޮޑު އެއް އަތޮޅު ކަމަށްވާ ލ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ ހުސެއިން ޔޫސުފް މިއަދު އަވަހާރަވެއްޖެއެވެ.

Ads by Hajj Corporation

އެމަނިކުފާނު އަވަހާރަވީ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގައެވެ. އެނގިފައިވާ ގޮތުގައި ހުސެއިން ޔޫސުފް އެ ބައްޔަށް ފަރުވާ ހޯއްދަވާތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ.

ހުސެއިން ޔޫސުފަކީ ލ. ދަނބިދޫއަށް އުފަން ބޭފުޅެކެވެ. ނަމަވެސް އެ މަނިކުފާނުގެ ހަޔާތުގެ ގިނަ ދުވަސްތައް ހޭދަ ކުރެއްވީ އެ އަތޮޅު ފޮނަދޫގައެވެ.

ހުސެއިން ޔޫސުފް ލ. އަތޮޅުގައި އަތޮޅުވެރިކަން ކުރެއްވީ 1988 ވަނަ އަހަރުގެ ޖޫން މަހުގެ 6ވަނަ ދުވަހުން ފެށިގެން 1991 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8ވަނަ ދުވަހާ ހަމައަށެވެ.

އެއިރު ލ.އަތޮޅުގެ ވެރިކަން ކުރީ އެ އަތޮޅު ހިތަދޫގައެވެ. އަތޮޅުވެރިޔާގެ މަގާމަށް އިސްކުރެއްވުމުގެ ކުރިން ހުސެއިން ހުންނެވީ އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމުގައެވެ. އޭގެ އިތުރުން އަތޮޅު އޮފީހުގެ އިދާރީ ހިންގުމުގައި ވެސް ހުސެއިން ވަނީ ގިނަ ދުވަސްތަކެއްގައި ހިދުމަތް ކުރައްވައިފައެވެ.

ލ. އަތޮޅު އަތޮޅުވެރިޔާގެ މަގާމަށް ފަހު، ހުސެއިން ޔޫސުފް ހުންނެވީ ފޮނަދޫގައި އެއިރު ހިންގި ދަނާލްގެ މުދީރުކަމުގައެވެ. އެއިރު ލ.އަތޮޅުގެ އެކި ރަށްރަށުން ލ.އަތޮޅު ތައުލީމީ މަރުކަޒަށް ކިޔަވަން އަންނަ ކުދީން ގިނައިން ތިބެނީ ދަނާލުގައެވެ. ޙުސައިން ޔޫސުފް ވަނީ ދަނާލްގައި ތިބޭ ކުދީންގެ ތަރުބިއްޔަތުގައި އިސް ދައުރެއް އަދާކުރައްވައިފައެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!