ގައްދޫ ކައުންސިލްގެ ރައީސް މިނިވަންކޮށްފި
ހުވަދު އަތޮޅު ދެކުނުބުރީ ކައުންސިލްގެ މެމްބަރު އަދި ގދ. ގައްދޫ ކައުންސިލްގެ ރައީސް މުޙައްމަދު އަޙްމަދު (އެމްޑީ) މިނިވަންވެއްޖެއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައެވެ. މީގެ އިތުރުން 2015ވަނަ އަހަރު ގދ. ގައްދޫ ކައުންސިލުގެ ރައީސް ކަމުގައި ހުންނަވަނިކޮށް ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދަޢުވާ ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.
އޭނާ މިނިވަންވެފައި ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ސާބިތު ނުވާ ކަމަށް ނިންމައި އިއްޔެގެ ވަގުތެއްގައެވެ.
މުހައްމަދުގެ މައްޗަށް އުފުލީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މުހައްމަދު އަހްމަދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފައި ވަނިކޮށް އޭނާ ވަނީ ބަންދުގައި ހުންނަވައިގެން ، އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވައި ގޮނޑި ވެސް ކާމިޔާބު ކުރައްވައިފައެވެ.