ޚަބަރު

"އިންޑިއާ އައުޓް" ހަރަކާތް ހިންގަން ޖާގަ ނުދޭނެ ކަަަމަށް ބުނެ، ސަރުކާރުގެ އިންޒާރެއް އިދިކޮޅަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް ޞާލިޙް އަދި އަލީ ޒާހިރު | އަލީ ޒާހިރު ވަނީ އިދިކޮޅަށް ވަރުގަދަ އިންޒާރެއް ދެއްވާފައި

އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ގާއިމުވެ ތިބުމާ ދެކޮޅަށް އިންޑިއާއިން ކުރިޔަށް ގެންދާ، "އިންޑިއާ އައުުޓް" ކެންޕެއިނަކީ ޤައުމަށް ވެވޭ ޚިޔާނާތެއްގެ ގޮތުގައި ސިފަކޮށް، އެ ކެންޕެއިން ކުރިޔަށް ގެންދަން ފުރުސަތު ނުދެއްވާނެކަމުގެ އިންޒާރު ސަރުކާރުން ދީފިއެވެ.

Ads by MWSC

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ވަނީ އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެންޕެއިނަކީ ބޮޑު ޖަރީމާއެއްގެ ގޮތުުގައި ސިފަ ކުރައްވައި އެ ހަރަކާތަކީ ރާއްޖޭގެ ހަމަޖެހުން ނަގައިލާން ހިންގާ ކަމެއް ކަމަށް ސިފަ ކުރައްވައިފައެވެ. އަދި އެކަމަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"މީ ޚިޔާލު ފާޅު ކުރުމެއް ނޫން، ޤައުމާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއް، މިކަން ކުރާކަށް ދިވެހި ސަރުކާރުން ޖާގަ ނުދޭނެ." އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ، މިސަރުކާރުން ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމަށް ހުރަސް ނާޅާނެ ކަމަށާއި ނަމަވެސް، ރާއްޖޭގެ ހަމަޖެހުމާއި ސުލްހަ މަސްލަހަތު ހިފެހެއްޓުމަކީ ސަރުކާރުން އަބަދުވެސް އިސްކުރާނެ ކަމެއް ކަމަށެވެ. އަދި އެއްވެސް ބަޔަކަށް ޤައުމުގެ މަސްލަހަތު ނަގައިލާން ސަރުކާރުން ޖާގަ ނުދޭނެކަމަށާއި މުޅި މުޖުތަމައުގެ އަމާންކަން ގެއްލޭގޮތަށް ހިންގޭ ހަރަކާތްތަކުން ގެއްލުންވެގެންދާނީ ރައްޔިތުންނަށް ކަމަށާއި، އެ ކަންކަން ހުއްޓުވުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި ހިންގޭ މިފަދަ ހަރަކާތްތަކަށް ޖާގަ ނުދޭނެ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ، އިންޑިއާ އައުޓަކީ، އާއްމުންނަށް ޙަޤީޤަތް އޮޅުވައިލާ، ސިޔާސީ މަޤްސަދެއް ހާސިލް ކުރުމަށް ކުރާ ކަމެއް ކަމަށެވެ.

"ވަރަށް ބޮޑަށް އޮޅުވައިލައިގެން، އާއްމުންނަށް ޙަޤީޤަތް އޮޅުވައިލުމަށް ޓަކައި، ސިޔާސީ މަޤްސަދެއް ހާސިލް ކުރުމަށް ޓަކައި ދައްވާ ވާހަކަތަކެއް، ގެންގުޅޭ ސްލޯގަންތަކެއް. އަޅުގަނޑުމެން ދެކެނީ އެއީ ޙަޤީޤަތުގައި ސިޔާސީ މަންފާއެއް ހޯދުމަށް ޓަކައި، ވެރިކަމުގެ ދަހިވެތިކަމުގައި، ދިވެހިންނަށް ލިބެމުން އަންނަ އެތައް ފައިދާތަކަކާއި، ތަރައްޤީގެ އެތައް މަޝްރޫއުތަކެއް ހުއްޓުވައިލުމުގެ ނިޔަތުގައި ހިންގާ ކެންޕެއިނެއް" އަލީ ޒާހިރު ވިދާޅުވިއެވެ.

"އިންތިޚާބެއް އަންނައިރުގައި ދައްކާނެ ކޮންމެވެސް ވާހަކައެއް އޮންނަން ޖެހޭނެ. ދައްކާނެ އުޒުރެއް އޮންނަން ޖެހޭނެ. އެ ގޮތުން ބުނަން ބޭނުންވަނީ އަޅުގަނޑުމެންނަށް މަޝްރޫތައް ނުހިންގުނޭ، އަދި ނުވަތަ އަޅުގަނޑުމެން ބޭރު ޤައުމަކަށް ވިކުނީއޭ."

އަލީ ޒާހިރު ވިދާޅުވީ، މި ސަރުކާރުން ޤައުމުގެ އެންމެ އިންޗިއެއް ވެސް ބޭރުގެ ބަޔަކަށް ނުދޭނެ ކަމަށާއި އެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.

"އަޅުގަނޑުމެންގެ ފުރާނަ ހުއްޓާ، އަޅުގަނޑުމެންގެ ޤައުމުން އެންމެ އިންޗިއެއް ވެސް ބޭރުގެ ބަޔަކަށް ދުލެއް ނުކުރާނަން. އަދި އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމްދީނަށް ކޮންޕްރޮމައިޒެއް ނުކުރާނަން."

Ads by Ooredoo
  1. ޢަވާމެނދުރު

    އެއްމެނުކުޅެދުންތެރިސަކާރު އިންޑިޔާގެ ބާރުންހިންގާސަރުކާ އިނޒާރަށްވެއްތުނެެތަ