ޚަބަރު

ހާލުގައި ޖެހުނު ދިވެހި ދަރިވަރުންނަށް އެއް މަސް ދުވަހަށް ސަރުކާރުން އެހީ ދެނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފިލިޕީންސްގެ ބައެއް ސަރަޙައްދުތަކަށް އެރި ބާރުގަދަ ތޫފާން "ރާއި"ގެ ސަބަބުން އެ ޤައުމުގެ ސޭބޫ ސިޓީގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދިވެހި ދަރިވަރުންތަކެއް ދިރިއުޅެމުން ދިޔަ ޑޯމިޓަރީއަށް ބޮޑެތި ގެއްލުންތަކެއްވެ، ފެނާއި ކަރަންޓު ކެނޑި، މުއާޞަލާތީ އަދި އެހެނިހެން އަސާސީ ޚިދުމަތްތަކަށް ބުރޫއެރުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ދަރިވަރުން، އަސާސީ ޚިދުމަތްތައް ލިބެންހުރި ހިޔާވައްސަކަށް ވަގުތީގޮތުން ބަދަލުވުމަށް ޓަކައި، އެންސްޕާއާއި ޒަކާތު ފަންޑު މެދުވެރިކޮށް ދިވެހި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.

Ads by MWSC

ދަރިވަރުން ދިރިއުޅެމުން ދިޔަ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ޢިއާދަކޮށް ފެނާއި އެހެނިހެން އަސާސީ ޚިދުމަތްތައް ދިނުމަށް ފިލިޕީންސްގެ ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި އެކަމަށް މަހެއްހައި ދުވަސް ހޭދަވާނެކަމަށް ބެލެވޭކަމުގެ މަޢުލޫމާތު ފިލިޕީންސްގެ އެމްބަސީން ދެއްވައިފައި ވާތީ، މި އެހީ ދިނުމަށް ސަރުކާރުން ނިންމަވައިފައި ވަނީ 1 (އެކެއް) މަސްދުވަހުގެ މުއްދަތަށެވެ.

މިގޮތަށް ނިންމެވުމާ ގުޅިގެން، އެ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ކަމާގުޅުން ހުރި އިދާރާތަކާ އެކު ކުރަމުންގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ތޫފާން ރާއީގެ ސަބަބުން ފިލިޕިންސްގައި ހާލުގައި ޖެހުނު ދިވެހި ދަރިވަރުންނަށް ކާނާއާއި ބޯފެން ލިބިއްޖެ ކަމަށް މީގެ ދެ ދުވަސް ކުރިން ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!