ޚަބަރު

ބީއޯސީގެ އަންހެން މުވައްޒިފުންނަށް ފުރައްސާރަކުރާ މައްސަލައެއް ފެންމަތިވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ބޭންކް އޮފް ސިލޯން -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ބޭންކް އޮފް ސިލޯން (ބީއޯސީ)ގައި މަސައްކަތް ކުރާ އަންހެން މުވައްޒިފުންނަށް އެތަނުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ މުވައްޒިފެއް ފުރައްސާރަ ކުރަމުން އަންނަ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by MWSC

މި މައްސަލަ ޖެންޑަރ މިނިސްޓްރީގެ ސަމާލުކަމަށް ގެނައި މެއިލްގެ ކޮޕީއެއް "ދެން"އަށް ވަނީ ލިބިފައެވެ. އެ މެއިލްގައިވާ ގޮތުން، މައްސަލަ ހުށަހަޅައިފައި ވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އަދި މި މައްސަލަ  ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާނެ ކަމަށް މިމަހު 12 ވަނަ ދުވަހު ޖެންޑަރއިން ކުރި މެއިލްގައި ވިދާޅުވިއެވެ.

މައްސަލަ ހުށަހަޅައިފައި ވަނީ ބީއޯސީގައި މަސައްކަތް ކްރެޑިޓް މެނޭޖަރއާ ދެކޮޅަށެވެ. އެ މެއިލްގައި ބުނެފައިވާ ގޮތުން، އެތަނުުގައި މަސައްކަތް ކުރާ ގިނަ އަންހެން މުވައްޒިފުންތަކަކަށް އޭނާ ގެންދަނީ ފުރައްސާރަ ކުރަމުންނެވެ. މިގޮތުން، ޕާޓީތަކަށް ދައުވަތު އެރުވުން ފަދަ ކަންކަން ކުރަމުންދާ ކަމަށާއި، މައްސަލަ އެތައް ފަހަރަކު އެޗްއާރުއަށް ހުށަހެޅި ކަމަށާއި ނަމަވެސް ފިޔަވަޅެއް އަޅައިފައި ނުވާ ކަމަށް މެއިލްގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން "ދެން" އިން ޖެންޑަރ މިނިސްޓްރީގެ ބަހެއް ހޯދުމަށް އިއްޔެ ގުޅައިލުމުން ވިދާޅުވީ، މިފަދަ މައްސަލަތަކުގައި ފޯނުން ޖަވާބު ދޭއިރު، ބައެއް ފަހަރަށް މިސް ކޮމިއުނިކޭޓްވާތީ، ލިޔުމުން ޖަވާބު އަރުވާނެ ކަމަށެވެ. ޖެންޑަރ މިނިސްޓްރީގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.

މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން "ބީއޯސީ"އިން ވިދާޅުވީ، އެފަދަ މައްސަލައެއް ހުށަހަޅައިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!