ޚަބަރު ސަރުކާރު

ބަނގްލަދޭޝްއާ އެކު ޒަމާނުއްސުރެ ބޭއްވި ގުޅުން އިތުރަށް ހަރުދަނާ ކުރާނަން: ރައީސް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ބަނގްލަދޭޝްއާ އެކު ރާއްޖެއިން އޮންނަ ގާތް ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށާއި މިގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ދެއްވި ބަޔާނެއްގައި ރައީސް ޞާލިހު ވިދާޅުވީ އަވައްޓެރި ގައުމުތަކުގެ ތެރެއިން ރާއްޖެއާ އެންމެ އެއްގޮތް ކަންތައްތަކެއް ހުރި ގައުމަކީ ބަނގްލަދޭޝް ކަމަށެވެ. އަދި ޒަމާނުއްސުރެ ދެގައުމުގެ ދެމެދުގައި ތާރީހީ ގޮތުންނާއި ސަގާފީ ގޮތުން ގާތް ގުޅުމެއް ހިއްސާކުރަމުން އައިސްފައިވާކަން ރައީސް ޞާލިހު ފާހަގަކުރެއްވިއެވެ.

ރާއްޖެއާއި ބަނގްލަދޭޝްއަކީ މުސްލިމް ދެ ގައުމުކަން ފާހަގަކުރައްވަމުން ރައީސް އިތުރަށް ވިދާޅުވީ މި ދެއަހަރުގެ ތެރޭގައި ދެގައުމުގެ އެންމެ މަތީ ފެންވަރުގައި ކުރިއަށް ގެންދެވުނު މަޝްވަރާތަކާ އެކު ގުޅުން އިތުރަށް ހަރުދަނާވެގެން ހިނގައްޖެކަމަށެވެ.

My government is committed to advancing our relationship even futher

- President Ibrahim Mohamed Solih

މީގެ އިތުރުން ރައީސް ޞާލިހު ވަނީ މިއަހަރަކީ ބަނގްލަދޭޝްއަށާއި ބޮޑުވަޒީރު ޝެއިހް ހަސީނާއަށް ވަރަށް ހާއްސަ އަހަރެއްކަން ފާހަގަކުރައްވައިފައެވެ. ރާއްޖޭގެ އެންމެހައި ރައްޔިތުންނާއި ރައީސް ޞާލިހުގެ ނަންފުޅުގައި އެމަނިކުފާނު ވަނީ ބަނގްލަދޭޝްގެ ބާނީ ބަންގަބޮންދު ޝެއިހް މުޖީބުރް ރަހްމާނުގެ ވެރިކަމަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބަތުގައި ޝެއިހް ހަސީނާއަށާއި ބަނގްލަދޭޝްގެ އެންމެހައި ރައްޔިތުންނަށް މަރުހަބާއާއި ތަހުނިޔާ ދަންނަވައިފައެވެ.

ޝެއިހް ހަސީނާގެ ބައްޕާފުޅު ޝެއިހް މުޖީބުއްރަޙުމާނަކީ އިންޑިއާއިން ބައެއް ވަކިކޮށް ބަނގްލަދޭޝްގެ ނަމުގައި ގައުމެއް އުފެއްދި ފަހުން އެންމެ ފުރަތަމަ ވެރިކަން ކުރެއްވި ރައީސެވެ. އޭގެ ފަހުން އެމަނިކުފާނު ވަނީ ބޮޑުވަޒީރުކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ.

ޝެއިހް ހަސީނާއާ އެކު ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ބައެއް ކަންކަމަށް ވެސް ރައީސް ޞާލިހުގެ ބަޔާނުގައި އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ވިދާޅުވީ ބަނގްލަދޭޝްގެ ބޮޑުވަޒީރާ އެކު ކުރެވުނު އެންމެ މުހިއްމު އެއްމަޝްވަރާ އަކީ މާޗް މަހު ކުރެވުނު މަޝްވަރާތަކުން ހޯދަން ބޭނުންވާ ނަތީޖާއަށް ވާސިލް ވުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި ކުރިއަށް ކުރަން ހުރި މަސައްކަތްތަކުގެ މަޝްވަރާތައް ކަމަށެވެ.

ބަނގްލަދޭޝްގެ ބޮޑުވަޒީރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސް ވިދާޅުވީ ކުރިއަށް އޮތް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެންބަރު ކަމުގެ އިންތިހާބުގައި ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ. މީގެ އިތުރުން އެކި ދާއިރާތަކުން ފުރުސަތުތައް ތަނަވަސްކުރުމަށާއި ހާއްސަކޮށް ސިއްހީ ދާއިރާއިން ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވިކަން ރައީސް ފާހަގަކުރެއްވިއެވެ.

ބޮޑު ވަޒީރު ޝެއިޚް ޙަސީނާގެ ބަޔާނުގައި ، ބަނގްލަދޭޝްއަށް ޒިޔާރާތްކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމފައިވާކަން އިއުލާންކުރެއްވިއެވެ. މީގެ އިތުރުން އެގައުމުގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށާއި ދެ ގައުމުގެ ދެމެދުގައި ޝިޕިން ލައިނެއް ތައާރަފްކުރުމަށް މަސައްކަތް ކުރައްވަމުންންގެންދަވާކަމަށް ވެސް ހަސީނާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!