އެމެރިކާ އަދި ފްރާންސްއިން ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ
އެމެރިކާ އަދި ފްރާންސްގައި ދުވާލެއްގެ މައްޗަށް ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވެއްޖެއެވެ.
އެ ޤައުމުގެ ސެންޓާރސް ފޯރ ޑިޒީސެސް އެންޑް ޕްރިވެންޝަން (ސީ،ޑީ،ސީ)އިން ހާމަ ކުރާ ގޮތުގައި ހޯމަ ދުވަހު އެކަނި ވެސް 440،000 މީހުންނަށް އަލަށް ބަލިޖެހިގެން ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް އެ ޤައުމުގެ ބައެއް އޮފިޝަލުން ބުނާ ގޮތުގައި އެ އަދަދަކީ ކްރިސްމަސްއާ ގުޅިގެން އިތުރުވި އަދަދެކެވެ.
އެމެރިކާގެ ސީ.ޑީ.ސީގެ ތަރުޖަމާނު ބުނި ގޮތުގައި އަލަށް ބަލި ޖެހުނުކަމަށް ހޯމަދުވަހު ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދަކީ ކްރިސްމަސްއާ ގުޅިގެން އިތުރުވި އަދަދެއް ކަމަށާއި ޖެނުއަރީ ހިސާބުގައި ހަމައަކަށް އެޅޭނެ ކަމަށެވެ. އެ ގައުމުގެ ސީ.ޑީ.ސީ ތަރުޖަމާނު މިގޮތަށް ވިދާޅުވެފައި ވަނީ އެމެރިކާގެ ޚަބަރު ސައިޓެއް ކަމުގައިވާ ޕޮލިޓިކޯއަށް މައުލޫމާތު ދެމުންނެވެ.
ފްރާންސްގައި އަންގާރަ ދުވަހު އަލަށް ބަލިޖެހިގެން ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދަކީ 179،807 އެވެ. ފްރާންސްގެ ހެލްތު މިނިސްޓަރ އޮލިވިއާރ ވެރަން ލަފާކުރާ ގޮތުގައި ޖެނުއަރީމަހުން ފެށިގެން ދުވާލެއްގެ މައްޗަށް 250،000 މީހުންނަށް ކޮވިޑްޖެހިގެން ރިޕޯޓްކުރާނެއެވެ.
ކޮވިޑްގެ އެންމެފަހުގެ އަދާހަމައަށް ބަލައިލާއިރު ޔޫރަޕުގައި ކޮވިޑް ބަލި ފެތުރޭ މިންވަރު 26 ޑިސެމްބަރުން ފެށިގެން 57% ވަނީ އިތުރުވެފައެވެ. ހަމަ އެ ތާރީހުން ފެށިގެން އެމެރިކާގައި ކޮވިޑް ފެތުރޭ މިންވަރު ވަނީ 30% އިތުރުވެފައެވެ.