ރާއްޖޭގައި އީލައިބްރަރީގެ ހިދުމަތް ދޭން ފަށައިފި
މިނިސްޓްރީއޮފް ހަޔާ އެޑިޔުކޭޝަންއިން ޔޫއެންޑީޕީގެ އެހީގައި ދިވެހިރާއްޖޭގެ ކޮލެޖް އަދި ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް އީ ލައިބްރަރީއެއްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.
މިނިސްޓްރީން ވިދާޅުވީ ކޮލެޖް އަދި ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް ފޯރުކޮށްދެވޭނީ ޖޭސްޓޯ ލައިބްރަރީގެ ހިދުމަތް ކަމަށެވެ. އަދި މި ހިދުމަތް ފޯރުކޮށްދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީވެފައިވާ 14 ކޮލެޖް އަދި ޔުނިވާސިޓީއަކަށް ޖޭސްޓޯ ސަބްސްކްރިޕްޝަން ސެޓްފިކެޓް ހަޔާ އެޑިޔުކޭޝަން މިނިސްޓަރް ޑރ. އިބްރާހީމް ހަސަން ވަނީ ހަވާލުކޮށްދެއްވައިފައެވެ.
މީގެ އިތުރުން މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހޯދަމުން އަންނަ ސްޓެޓިސްޓިކްސް ހޯދުމަށް މި އަހަރު އަލަށް ހެދިފައިވާ ޕޯޓަލް ވެސް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު އިފްތިތާހުކޮށްދެއްވައިފައި ވެއެވެ.
މި ހަފްލާ ޝަރަފުވެރިކޮށްދެއްވާ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ދެއްކެވި ވާހަކައިގައި ވިދާޅުވީ ކިޔަވައިދިނުމުގައި މިފަދަ ލައިބްރަރީއެއްގެ ހިދުމަތް ދަރިވަރުންނާއި މުދައްރިސުންނަށް ވަރަށް މުހިންމުކަމަށެވެ. އެގޮތުން ޖޭސްޓޯ ފަދަ އީ-ލައިބްރަރީއެއްގެ ސާވިސް ލިބުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ކިޔަވައިދޭ ހުރިހާ ތަންތަނަކީ އެއް އާއިލާއެއް ކަމަށާއި އެގޮތުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައްޔާއި އަދި އޭގެ ސަބަބުން މުޖުތަމައުއަށް ވަރަށް ރަނގަޅު އަސަރެއް ކުރާނެކަމަށް ވެސް މިނިސްޓަރު ފާހަގަކޮށްފައިވެއެވެ.
އަދި އަލަށް ތައާރަފުކުރެވުނު ޕޯޓަލް މެދުވެރިކޮށް ތަފާސް ހިސާބު ހޯދަން ފެށުމުން މިނިސްޓްރީއަށް ބޭނުންވާ ތަފާސްހިސާބުތައް ފަސޭހަކަމާއެކު ލިބޭނެ ކަމަށާއި މިނިސްޓްރީއިން މަތީ ތައުލީމާއި ގުޅޭ ކަންކަމުގައި ހަދާ އުސޫލުތައް ހެދުމުގައި މި މައުލޫމާތުގެ ބޭނުންކުރެވި ހަރުދަނާ އުސޫލުތަކެއް ހެދިގެންދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.