ޚަބަރު

ގެސްޓްހައުސް ހިންގަމުންދާ ގިނަ ރަށްރަށުން އުސޫލުތައް ތަންފީޒު ކުރޭ:އެލްޖީއޭ

އާއިޝަތު ޖަނާ ސަމީރު ، ދެން އޮންލައިން

ގެސްޓްހައުސް ހިންގާ ރަށްރަށުގެ ކައުންސިލްތަކުން އުސޫލުތަކާއި ހުކުމްތައް ތަންފީޒު ކުރަމުންދާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފިއެވެ.

Ads by STELCO

ގެސްޓްހައުސް ހިންގާ ރަށްރަށުގައި ފަތުރުވެރިން ނިވާކަންކުޑަ ހެދުން އަޅައިގެން އުޅޭ މައްސަލައަށް އިޝާރަތްކޮށް އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަތީފު ވިދާޅުވެފައިވާ ގޮތުގައި ކައުންސިލްތަކަށް ފިޔަވަޅު އެޅުމަކީ އަމާޒެއް ނޫން ކަމަށާއި މަސައްކަތް ކުރަމުންދަނީ ކައުންސިލްތައް އިތުރަށް ޒިންމާދާރު ކުރުމަށް ކަމަށެވެ. ހަމަ އެހެންމެ ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ގެސްޓް ހައުސްތައް ހިންގާ ރަށް ރަށުގެ ކައުންސިލްތައް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާ ކަމުގައި ވެސް ވިދާޅުވިއެވެ. އަދި ކައުންސިލްތަކުން އުސޫލުތައް ތަންފީޒު ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ފާތިމަތު އަފްޝަން ލަތީފު މިހެން ވިދާޅުވެފައި މި ވަނީ ގެސްޓްހައުސްތައް ހިންގަމުންދާ ރަށްރަށުގައި ނިވާކަން ކުޑަ ހެދުން އަޅައިގެން ފަތުރުވެރިން އުޅޭ މައްސަލަތަކެއް ފެންމަތިވަމުންދާ ދަނޑިވަޅެއްގައެވެ.

އަފްސަން ވިދާޅުވީ އެންމެ ފުރިހަމަ ގޮތުގައި ޒިންމާ އަދާ ނުކުރާ ކައުންސިލްތަކަށް ފިޔަވަޅު އަޅާނެ ކަމަށާއި ކައުންސިލްތައް ޒިންމާދާރު ކުރުމުގެ މަސައްކަތަކީ އަބަދުވެސް ކުރިއަށްދާ މަސައްކަތެއް ކަމަށެވެ.

ފަތުރުވެރިން ނިވާކަން ކުޑަ ހެދުން ލައިގެން އުޅޭ މައްސަލައަށް ހައްލު ގެނައުމަށް ޓަކައި ބައެއް ކައުންސިލްތަކުން މަސައްކަތްކުރަމުން ދެއެވެ. އެގޮތުން އއ ތޮއްޑޫ ގެސްޓް ހައުސްތަކަށް އެ ރަށު ކައުންސިލުން ވަނީ ޒިޔާރަތްކޮށް ފަތުރުވެރިން ހެދުން އެޅުމުގެ ގަވާއިދު ކިޔައިދީ ގަވާއިދު ފެންނާނެހެން ނޯޓިސް ހަރުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އަދި އއ.ރަސްދޫ ކައުންސިލުން ވެސް ވަނީ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ގޮވައިލައިފައެވެ. ހަމަ އެހެންމެ މާފުށީ ކައުންސިލުން ވަނީ ގަވާއިދާ ހިލާފަށް އަމަލުކުރާ ގެސްޓްހައުސްތަކަށް ފިޔަވަޅު އަޅާނޭކަމަށް ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!