ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ޗައިނާއަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިއްޖެ

ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ޗައިނާއަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިއްޖެއެވެ.
ޗައިނާގެ ޚާރިޖީ ވަޒީރު ވާންގ ޔީ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ދައުވަތަކަށް މިހާރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ސޮއި ކުރެވުނު ވިސާ އެގްޒެމްޝަން އެއްބަސްވުމުގެ ދަށުން، ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
މިއީ ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔަ 5ވަނަ ގައުމެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، ތައިލެންޑް އަދި މޮރޮކޯއިން ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ކުރެއްވި މަޝްވަރާތަކަށް ފަހު ސައޫދީޢަރަބިއްޔާ، އިންޑިއާ އަދި ސްރީލަންކާއަށް ދަތުރުކުރުމުގައި ދިވެހިންނަށް ވިސާގެ ލުއިފަސޭހަ ގޮތްތައް ހަމަޖެހިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ކޮވިޑް-19ގެ ސަބަބުން ޗައިނާއިން މިވަގުތު ދަތުރުފަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އަޅައިފައިވުމާ އެކު، އޮން-އެރައިވަލް ވިސާ ދޫކުރަން ފަށާނީ، މިފިޔަވަޅުތަކަށް ލުއިދޭ ހިސާބުންނެވެ.





.webp)

ކޮމެންޓް