ޚަބަރު

ސްޓެލްކޯގެ "ސްޓެވޯ" ބްރޭންޑުގެ ޖެނެރޭޓަރުސެޓެއް ދިގުރަށަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އދ. ދިގުރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ޓަކައި ސްޓެވޯގެ STW600ގެ ޖަނަރޭޓަރު ސެޓެއް ސްޓެލްކޯއިން އެ ރަށަށް ފޮނުވައިފިއެވެ.

Ads by MWSC

ސްޓެލްކޯއިން ބުނީ މި އައު ޖަނަރޭޓަރާއެކު ދިގުރަށުގެ ކަރަންޓުގެ ކެޕޭސިޓީ 918kW އިން 1518kW އިތުރުކުރެވި އެކަމުގެ ފައިދާ އެ ރަށަށް ލިބިގެންދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 4ވަނަ ދުވަހު އިފްތިތާހުކުރި ސްޓެލްކޯގެ "ސްޓެވޯ" ވޯކްޝޮޕުން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރު ސެޓް، ފޮނުވައިފައި ވަނީ އދ. ހަންޏާމީދޫއަށެވެ.

ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން ވަނީ SWT ގެ ތިން މޮޑެލްއެއްގެ ޖަނަރޭޓަރު ސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައެވެ. އެއީ 600STW، 300STW، އަދި 800STW އެވެ.

މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ހުޅުވައިލައިފައިވާ އިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަަށް ވެސް، ލޯކަލް ވޮރަންޓީއާއި، އާފްޓަރސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ވެސް ސްޓެވޯއިން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ޚިދުމަތުގައި 70 އަހަރުގެ ދިގު ތާރީހެއް އޮތް ސްޓެލްކޯގެ އިންޖިނިއަރުންނަކީ މި ރާއްޖޭގައި އެންމެ ތަޖުރިބާކާރު އިންޖިނިއަރުންނަށް ވެފައި، ކަސްޓަމަރުންނަށް އެންމެ އެދެވޭ ހިދުމަތް ދެވޭނެ ކުންފުންޏަކީ ސްޓެލްކޯކަން މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި ސްޓެވޯ ޖެނެރޭޓަރަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖެނެރޭޓަރުތަކާ އެއް ފެންވަރުގެ ޖެނެރޭޓަރެއް ކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ޖެނެރޭޓަރެއް ކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ.

މީގެ އިތުރުން ސްޓެލްކޯގެ ވޯކްޝޮޕުން އާފްޓާ ސޭލްސް ސާވިސް ލިބިގެންދާނެ ކަމަށާއި، ދިމާވާ ކޮންމެ މައްސަލައެއް ހައްލުކޮށްދީ، ބަދަލުކުރަން ޖެހޭ ސްޕެއާއެއް ހުރި ނަމަ ސްޓެލްކޯގެ އިންޖިނިއަރުން ގޮސް ބަދަލު ކޮށްދޭނެ ކަމަށް ވެސް މުޣުނީ ވަނީ ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!