ކުރިޔަށް އޮތް ދެ ދުވަހު މާލެއިން ރަށަކަށް ދާނަމަ ކަންތައް ކުރަން ޖެހޭ ގޮތަކީ މިއީ
މާލެ ސަރަޙައްދުގައި ކޮވިޑަށް ނަގާ ސުންކު، ފައްސިވާ އިންސައްތަ %5އަށް ވުރެ މަތިވެފައިވާތީ މާދަމާއިން ފެށިގެން މާލެ ސަރަޙައްދުން ދަތުރުކުރުމުގައި ޕީސީއާރް ޓެސްޓް ހަދަން މަޖުބޫރުކޮށް ކުރިޔަށް އޮތް ދެ ދުވަހު ދަތުރު ކުރާނަމަ ކަންތައް ކުރަން ޖެހޭ ގޮތް އެޗްޕީއޭއިން އާއްމުކޮށްފިއެވެ.
މިއަދު ކުރި ޓްވީޓެއްގައި އެޗްޕީއޭއިން ވިދާޅުވީ، ކުރިޔަށް އޮތް 2 ދުވަސް ތެރޭގައި މާލެއިން ރަށްރަށަށް ދަތުރު ކުރަން ޖެހޭ ފަރާތްތަކަށް ދެ ގޮތެއް އެބައޮތް ކަމަށެވެ. އެ ގޮތުން މާލެއިން ސުންކު ނެގުމަށް ފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީންގައި ހުންނަށް ޖެހޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެފައި ވެއެވެ. ނޫނީ ރަށަށް ދަތުރުކޮށް، ރަށުން ސުންކު ނަގައި ޓެސްޓްކުރުމަށް ފަހު، ޓެސްޓްގެ ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަން ޖެހޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ،
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ކުއްލި ބަޔާނެއްގައި ވިދާޅުވީ ވެކްސިން ފުރިހަމަކޮށްފައިވީ ނަމަވެސް، މާލެ ސަރަހައްދުން ދަތުރުކުރާ ނަމަ ކުރަން ޖެހޭނީ 72 ގަޑިއިރު ނުވާ ޕީސީއާރ ނައްސި ނަތީޖާއާ އެކު ކަމަށެވެ. އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުވާ ފަރާތެއް ނަމަ، 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރަން ޖެހޭނެ ކަމަށާއި އެފަރާތްތަކުން ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށް ފަހު ޕީ.ސީ.އާރ ޓެސްޓް ހަދައި ނަތީޖާ ނައްސިވުމުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މީގެ ތެރޭގައި މިފަދަ މީހުންނާ އެކުގައި ދަތުރުކުރަން ޖެހޭ ވެކްސިން ނުޖެހޭ ޢުމުރުގެ ކުޑަކުދިން ނުހިމެނޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
މީގެ އިތުރުން މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން 'ކޮވިޑްސޭފް' ޕޯޓަލްއިން ނައްސި ނަތީޖާ ދައްކަން ޖެހޭ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. ދަތުރުކުރާ ފަރާތްތަކުން ހާލު ބެލުން ޕޯޓަލް އިން ހުއްދަ ހޯދައިގެން ދަތުރުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގަވައިފައެވެ.
އެޗްޕީއޭގެ ކުއްލި އެންގުމާ އެކު މާލޭގައި ސުންކު ނަގާ މަރުކަޒުތައް ވަނީ ވަރަށް ބޮޑަށް ފުރިފައެވެ.