ހުޅުމާލެ ހޮސްޕިޓަލުން ވެސް ޕީސީއާރް ޓެސްޓު ހެދޭނެ

ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ހުޅުމާލޭ ހޮސްޕިޓަލުން ވެސް މިހާރު ޕީސީއާރް ޓެސްޓު ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ހުކުރު ދުވަސް ފިޔަވައި އެހެން ކޮންމެ ދުވަހަކު އެ ހޮސްޕިޓަލުން ޕީސީއާރު ޓެސްޓް ހެދޭނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން މެންދުރު 12:00ގެ ނިޔަލަށް ސުންކު ދެވޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
ދުނިޔޭގެ އެކި ޤައުމުތަކުން ފެނިފައިވާ ކޮވިޑް-19ގެ އައު ވޭރިއަންޓް މިހާރު ރާއްޖެއިން ވެސް ފެނިފައިވާތީއާއި ކޮވިޑަށް ފައްސިވަމުން އަންނަ އަދަދުތައް ވެސް މިފަހަކަށް އައިސް އިތުރުވަމުންދާތީ، އެޗްޕީއޭއިން ވަނީ އިއްޔެއިން ފެށިގެން ބައެއް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.
އެގޮތުން މާލެ ސަރަހައްދުން އެހެން ރަށަކަށް ދަތުރުކުރާ ނަމަ ޕީސީއާރް ޓެސްޓު ހެދުމަށް އެޗްޕީއޭއިން އަންގައިފައިވެއެވެ.
މާލެ ސަރަހައްދުން ހިލޭ ޕީސީއާރް ޓެސްޓް ހަދައިދެނީ ތާޖުއްދީން ސްކޫލް، އެފްއޭއެމް ބިލްޑިންގ އަދި ވިލިމާލޭ ސުންކު ނަގާ މަރުކަޒުގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުންނެވެ.