ބިކީނީ ލައިގެން ގުރައިދޫގައި ފަތުރުވެރިންތަކެއް އުޅުނު މައްސަލަ ކައުންސިލުގެ ސަމާލުކަމަށް

ކ. ގުރައިދޫގައި ފަތުރުވެރިންތަކެއް ގަވާއިދާ ހިލާފަށް ހެދުން އެޅި މައްސަލައެއް އެ ރަށު ކައުންސިލުގެ ސަމާލުކަމަށް އަތުވެއްޖެއެވެ.
ގުރައިދޫ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވެފައި ވަނީ އެ ރަށުގެ ގެސްޓްހައުސްތަކުގައި ތިބޭ ފަތުރުވެރިން ގަވާއިދާ ހިލާފަށް ރަށުގެ އެކި ސަރަހައްދުތަކުގައި ބިކީނީގައި ތިބޭކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުން ދާ ކަމަށެވެ.
އެކަމަކީ ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްްޓްހައުސް ހިންގުމާ ބެހޭ ގަވާއިދުގެ 27 ވަނަ މާއްދާގެ (ޅ) ގެ ދަށުން މަނާކަމެއް ކަމަށާއި ގެސްޓްހައުސްތަކުގައި ތިބޭ ފަތުރުވެރިން ރަށުތެރޭގައި އުޅޭ އުޅުމުގައި ހެދުން އަޅަން ޖެހޭ އުސޫލުތައް ފަތުރުވެރިންނަށް އަންގައިދިނުމަކީ ގެސްޓްހައުސްތަކުގެ ޒިންމާއެއް ކަމުގައި ވެސް ގުރައިދޫ ކައުންސިލުން ވިދާޅުވެފައިވެއެވެ.
"އަދި ގެސްޓްހައުސްތަކުގެ އެއްބާރުލުން ލިބިގެން މެނުވީ މިފަދަ ކަންކަމަށް ހައްލު ލިބިގެން ނުދާނެ" ގުރައިދޫ ކައުންސިލުން އެދިލައްވާފައިވެއެވެ.
އެ ކައުންސިލުން އިތުރަށް ވިދާޅުވީ ގުރައިދޫގެ އިޖުތިމާއީ ހަމަޖެހުމާއި، ކުދިބޮޑު އެންމެހައި ފަރާތްތަކަށް އެކަށީގެންވާ މާހައުލެއްގެ ގޮތުގައި އެ ރަށް ބޭއްވުމަށް އެދިލައްވާ ކަމަށެވެ.
އެހެންކަމުން ގުރައިދޫގެ އެންމެހައި ގެސްޓްހައުސްއަށް އަންނަ ފަތުރުވެރިންނަށް އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ހެދުންއަޅަން ޖެހޭ އުސޫލު އަންގަވައިދެއްވައި، އެފަދަ ކަންކަން ހުއްޓުވައި ދެއްވުމަށް ގެސްޓްހައުސްތައް ހިންގައި ފަރާތްތަކުގެ ކިބައިން އެ ކައުންސިލުން އެދިލައްވައިފައިވެއެވެ.