ޚަބަރު ސަރުކާރު

ބޫސްޓާ ޑޯޒް ޖެހުމުގެ މަސައްކަތަށް ބޮޑު މުސާރައަށް މުވައްޒަފުން ހޯދަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ވެކްސިން ޖަހާ ސަރަހައްދު-- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މި މަހު ފަހުކޮޅު ކޮވިޑް-19 ވެކްސިންގެ ބޫސްޓަ ޑޯޒް އާންމުންނަށް ދިނުމަށް ހަމަޖެހިފައިވާއިރު މިކެމްޕެއިން ފެށުމުގެ ގޮތުން މުވައްޒަފުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފިއެވެ.

Ads by Hajj Corporation

ބުދަ ދުވަހު ކުރި އިއުލާނެއްގައި ވަނީ ތިން މަގާމަކަށް ޖުމްލަ 56 މުވައްޒަފުންނަށް ފުރުސަތު ހުޅުވައިލައިފައެވެ. އެއީ ޕްރޮގްރާމް އެސިސްޓެންޓުންގެ ގޮތުގައި 32 މީހަކާއި ވެކްސިނޭޓަރުންގެ ގޮތުގައި 10 މީހަކާއި ފްލޯ މެނޭޖަރުންގެ ގޮތުގައި ހަތަރު މީހަކާއި ސަޕޯޓް ސްޓާފުންގެ ގޮތުގައި ހަތަރު މީހަކާ އަދި މެޑިކަލް އޮފިސަރުންގެ ގޮތުގައި ވެސް ހަތަރު މީހެކެވެ.

މި 56 މީހުން ވެސް ވަޒީފާއަށް އައްޔަންކުރަނީ ތިން މަސްދުވަހުގެ މުއްދަތަކަށެވެ. ވެކްސިން ސެންޓަރުތަކުގައި އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރުމާއި ޓެކްނިކަލް އެހީތެރިކަން ދިނުމަށް އައްޔަންކުރާ ޕްރޮގުރާމް އެސިސްޓެންޓުންނަށް ދެނީ މަހަކު 7،500 ރުފިޔާއެވެ. ވެކްސިން ޕެކް ކުރުމާއި ޑިސްޓްރިބިއުޓް ކުރުންފަދަ ލޮޖިސްޓިމް މަސައްކަތަށް ނަގާ ސަޕޯޓް ސްޓާފުންނަށް ވެސް އެވަރުގެ މުސާރައެއް ދޭނެއެވެ.

މީގެ އިތުރުން ވެކްސިން ޖަހަން އަންނަ މީހުންގެ ރަޖިސްޓްރޭޝަންގެ މަސައްކަތްކުރުމާއި އިރުޝާދު ދިނުމާ އަދި ވެކްސިން ސެންޓަރުގެ ސަރަހައްދު ބެލެހެއްޓުމަށް އައްޔަންކުރާ ފްލޯ މެނޭޖަރުންނަށް ވެސް ދޭނީ މަހަކު 7،500 ރުފިޔާއެވެ.

ވެކްސިން ޖަހާ މީހުން އޮބްޒާވްކުރުމާއި އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ އެ މީހުންނަށް އެހީތެރިވުމަށް އައްޔަންކުރާ މެޑިކަލް އޮފިސަރުންނަށް މުސާރައިގެ ގޮތުގައި 24،240 ރުފިޔާ ދޭނެއެވެ. އަދި ވެކްސިނޭޓަރުންނަށް މަހަކު 14،700 ރުފިޔާ ދޭން ހެލްތު މިނިސްޓްރީން ވަނީ ނިންމައިފައެވެ.

ސަޕޯޓް ސްޓޭފުންނާއި، ފްލޯ މެނޭޖަރުންގެ އިތުރުން ޕްރޮގްރާމް އެސިސްޓެންޓުންގެ އަތުގައި އޯލެވެލް ފާހެއް އޮންނަން ޖެހެއެވެ. މެޑިކަލް އޮފިސަރުންގެ އަތުގައި ބޭސިކް މެޑިކަލް ޑިގްރީއެއް އަދި ވެކްސިނޭޓަރުންގެ އަތުގައި ނާސިންގ ޑިޕްލޮމާއެއް ނުވަތަ ޕްރައިމަރީ ހެލްތު ކެއާގެ ޑިޕްލޮމާއެއް އޮންނަން ޖެހެއެވެ. މީގެ އިތުރުން ވެކްސިނޭޓަރުންނަށް އައްޔަނުކުރާނީ ސިއްހީ ފަރުވާ ދިނުމުގެ ލައިސެންސެއް އޮންނަ ނަމައެވެ.

މި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހުން މި މަހު 18 ވަނަ ދުވަހުގެ 2 ޖެހުމުގެ ކުރިން، ލިޔެކިޔުންތަކާ އެކު އެކަމަށް ކަނޑައަޅައިފައިވާ ގޫގުލް ފޯމު ހުށަހަޅަން ޖެހޭނެއެވެ. ހާއްސަ މުސާރައަކަށް ކޮވިޑް-19ގެ ވެކްސިން ދިނުމުގެ މަސައްކަތް ކުރަން މީހުން މި ހޯދަނީ އަލަށެވެ. ރާއްޖޭގައި ކޮވިޑްގެ ވެކްސިން ދިނުމުގެ ފުރަތަމަ ޕްރޮގްރާމަށް ވޮލަންޓިއަރުންގެ ގޮތުގައި މީހުން ނެގީ، ޕްރޮންޓްލައިން އެވަލެންސްގެ ނަމުގައި ވަކި ވަރެއް ދޭ ގޮތަށެވެ. އެ އެލަވަންސް ނުލިބި، ލަސްވެގެން ވަރަށް ގިނަ މައްސަލަތައް ވެސް ފެންމަތިވިއެވެ.

ރާއްޖޭގައި ބޫސްޓާ ޑޯޒް އާންމުކޮށް ދޭން ފެށުމަށް ބޭނުންވާ ފައިޒާ ވެކްސިންގެ އެއްލައްކަ ޑޯޒް ލިބުނުތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެހެން ނަމަވެސް ވެކްސިން ދިނުން ލަސްވީ ވެކްސިން ޖަހަން ބޭނުންވާ ސިރިންޖު ނުލިބިގެންނެވެ. ހެލްތު މިނިސްޓްރީން ބުނީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސިރިންޖު ލިބޭނެކަމަށެވެ.

  1. ޢަލިތަކުރު

    ތިޔާ ޑޯޒް ކޮންމެ އަހަރަކު އަޕްޑޭޓް ކުރަންޖެހޭނެ… އެމީހަކަށް ކުރެވުނު ގޮތަކަށް ކުރަންވީ….އެހެންނޫނީ