ޚަބަރު

ކޮވިޑަށް ފައްސިވާ މީހުންގެ ކަރަންޓީން ހަތް ދުވަހަށް ކުރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19އަށް ފައްސިވާ މީހުން ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ، ކަރަންޓީނު ކުރާ މުއްދަތު ރާއްޖޭގައި ހަތް ދުވަހަށް ކުރުކޮށްފިއެވެ.

Ads by MWSC

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ދެންމެ ނެރުނު އިއުލާނެއްގައި ވިދާޅުވެފައި ވަނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން، ކޮވިޑް-19އަށް ފައްސިވާ މީހުންނާއި ފައްސިވާ މީހުންނާ އެއްތާވާ މީހުން އެކަހެރިކުރާ އަދި ކަރަންޓީންކުރާ މުއްދަތަށް ބަދަލުގެނައުމަށް ނިންމައިފައިވާ ކަމަށެވެ.

އެގޮތުން ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ، އެކަހެރިވާން ޖެހޭނީ އެމީހަކު ކޮވިޑް-19އަށް ސުންކު ނަގާ ތާރީޚުން ފެށިގެން 7 ދުވަހުގެ މުއްދަތަކަށެވެ. މި 7 ދުވަހުގެ މުއްދަތު ހަމަވުމުން އެމީހަކު އެކަހެރިކުރެވިފައިވާ މުއްދަތު ނިމޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. އަދި ބަލީގެ އަލާމާތެއް ހުރި ނަމަ، އެކަހެރިކުރާ މުއްދަތު ނިމޭނީ އެއްވެސް އަލާމާތެއް ނެތި މަދުވެގެން 24 ގަޑިއިރު ވުމުން ކަމަށް ހަމަޖައްސައިފައި ވެއެވެ.

އެހެން ނަމަވެސް ސުންކު ނަގާ ތާރީޚުން ފެށިގެން 7 ދުވަސް ފުރިހަމަވުމާ އެކު މަސައްކަތަށް ނުކުންނަން ޖެހޭ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، މީހުން ބަލަހައްޓާ މަރުކަޒުތަކާއި ސްކޫލުތަކާއި ކިޔަވައިދޭ މަރުކަޒުތައް ފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނުކުންނަންވާނީ އެންޓިޖަން ޓެސްޓު ހަދައި ނަތީޖާ ނައްސިވުމުންކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. އެންޓިޖަން ޓެސްޓު ހަދަން ޖެހޭނީ މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅައިފައިވާ ގައިޑްލައިނާ އެއްގޮތްވާގޮތުގެ މަތިން މިނިސްޓްރީ އޮފް ހެލްތުން އެންޓިޖަން ޓެސްޓު ހެދުމުގެ ހުއްދަ ދީފައިވާ ތަނަކުންނެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ވެފައިވާ ކޮވިޑް-19އަށް ފައްސިވާ މީހުންނާ އެއްތާވާ މީހުން ކަރަންޓީނު ކުރެވޭނީ ފައްސިވި މީހާއާ އެއްތާވި ތާރީޚުން ފެށިގެން 10 ދުވަހުގެ މުއްދަކަށެވެ. 10 ދުވަސް ފުރިހަމަވުމުން، ބަލީގެ އަލާމާތެއް ނެތް ނަމަ އިތުރު ޓެސްޓުކުރުމަކާ ނުލައި ކަރަންޓީނުން ދޫކުރެވޭނެ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ. ނަމަވެސް އެ މީހަކު ކަރަންޓީންވުމަށް ހެލްތު ޕްރޮޓެކްޝަން
އެޖެންސީން އަންގާ ތާރީޚުން ފެށިގެން 5 ދުވަސް ފުރިހަމަވުމުން، ޕީ.ސީ.އާރ ޓެސްޓު ހަދައި ނަތީޖާ ނައްސި ނަމަ ކަރަންޓީނުން ދޫކުރެވޭނެއެވެ.

މިގޮތަށް ޢަމަލުކުރެވޭނީ ކޮވިޑް-19އަށް ފައްސިވެފައިވާ މީހުންނާ މުޅިން ވަކިން ކަރަންޓީނުގައި ތިބޭ ނަމައެވެ. އަދި ވެކްސިން ފުރިހަމަ ނުވާ، ކޮވިޑަށް ފައްސިވާ މީހުންނާ އެއްތާވާ މީހުން ކަރަންޓީނު ކުރެވޭ މުއްދަތަކީ ފައްސިވި މީހާއާ އެއްތާވި ތާރީޚުން ފެށިގެން 14 ދުވަހެވެ. ކަރަންޓީނުން ދޫކޮށްލެވޭނީ
14 ދުވަސް ފުރިހަމަވުމުން ޕީ.ސީ.އާރ ޓެސްޓު ހަދާ ނަތީޖާ ނައްސިވުމުން ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެޗްޕީއޭއިން އިތުރަށް ވިދާޅުވީ ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާ ކަމުގައި ބެލެވޭނީ ދިވެހި ރާއްޖޭގައި ބޭނުންކު ރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަދީފައިވާ ނުވަތަ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އިމަރޖެންސީ ޔޫސް ލިސްޓިންގގައި ހިމަނައިފައިވާ ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ފުރިހަމަވެފައިވާ ނަމައެވެ.

މި ގޮތުގެ މަތިން ކޮވިޑް-19އަށް ފައްސިވާ މީހުން އެކަހެރިކުރާ މުއްދަތާއި ފައްސިވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރާ މުއްދަތަށް ބަދަލު ގެނައުމުން މިހާރު އެކަހެރިކުރެވިފައިވާ އަދި ކަރަންޓީން ކުރެވިފައިވާ ފަރާތްތައް މި ނިންމުމުގައިވާ ގޮތުގެ މަތިން މުއްދަތުތައް ފުރިހަމަވެފައި އަދި ކަނޑައެޅިފައިވާ ގޮތުގެ މަތިން ޓެސްޓުގެ ނަތީޖާ ލިބިފައިވާ ނަމަ އެކަހެރިވުން ނުވަތަ ކަރަންޓީނުވުން ނިމޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

Ads by HDC
  1. މުޑޭ

    ކޮވިޑް ބަލިޖެހުމުން ސިއްހަތަ ލިބޭ ގެއްލުމައްވުރެ 10 ގުނަ މޫސީބާތް އެޗް ޕީ އޭގެ ގަވައިދުތަކުގެ ސަބަބުން އަހަރެމެންނަށް ލިބެއެވެ. މާއޫސް ކަމާ ހިއްދަތިކަމާއެކު އުޅެންޖެހިފައިވުމުން ނަފްސާނީއެތައް މައްސަލައެއް އަހަރެމެންނަށް ދިމާވެއެވެ. އާމްދަނީ އެއްހޯދުމަށް ކުރިމަސައްކަތް ހަލާކުވެ މުޅިއާއިލާ ބިކަވެން ދިޔައީއެވެ. ވިސްނާފިކުރު ކޮއްފިބަޔަކައް އެގޭހާވެސް އެއްޗަކީ . މަކަރުވެރިކަމާ ހީލަތުން ފުރިންގެންވާ ރޭވުމެއްކަމުގައި ނޫނީ މިޕެންޑެމިކް ނުވެއެވެ.