ޚަބަރު ސިޔާސީ

މި އިންތިޚާބަށް އަތް ބާނައިފި ނަމަ ރައްޔިތުން މަޑަކުން ނުތިބޭނެ: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި އަންނަ މަހު ފަސްވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވާ، އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްފި ނަމަ ރައްޔިތުން މަޑުން ނުތިބޭނެ ކަމަށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކޮމަންޑޫ ދާއިރާގެ ޕީޕީއެމް ކެނޑިޑޭޓަށް ސަޕޯޓް ހޯދުމަށް އެ ދާއިރާގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މިއަދު ށ. ފުނަދުއަށް ވަޑައިގެން ރައީސް ޔާމީން ވަނީ އެ ރަށުގައި "އިންޑިއާ އައުޓް" ކެންޕެއިން ކުރައްވައިފައެވެ.

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ކެންޕެއިންގެ ހިނގާލުން ނިންމާލުމުގެ ގޮތުން ބައިވެރިންނާ މުޚާތަބު ކުރައްވާ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިންތިޚާބު ކާމިޔާބު ކުރާނީ ޕީޕީއެމްއިން ކަމަށާއި އިންތިޚާބަށް އަތް ނުބާނައިފި ނަމަ މި އިންތިޚާބުގައި ސަރުކާރު ބޮޑު ތަނުން ބަލިވާނެ ކަމަށެވެ.

"އިންތިޚާބު މިއޮތީ ދާދި ކައިރީގައި، މި އިންތިޚާބަށް އަތް ބާނާފިއްޔާ ދެން ރައްޔިތުންނެެއް މަޑަކުން ނުތިބޭނެ. މި އިންތިޚާބަށް އަތް ނުބާނައިފިއްޔާ، ޝައްކެއް ވެސް ނެތް ދިވެހިން ސައްޕު ޖަހައިފައި މިހާރުގެ ވެރިން ފޮނުވާލާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ އިންތިޚާބުގެ ނަތީޖާ ބަދަލުކޮށް، އިންތިޚާބަށް ނުފޫޒު ފޯރުވުމުން ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖެ މިއަދު މި އޮތް ހާލަތަށް އައިސްފައި ވަނީ ކޮވިޑް-19ގެ ސަބުން ނޫން ކަމަށާއި އެއީ ވެރިކަން ކުރަން ތިބި މީހުންގެ ނާޤާބިލުކަމާއި އިޚްލާސްތެރިކަން ނެތުމުން ކަމަށެވެ.

"އެހެންވެގެން ދިވެހި ރާއްޖެ މިއަދު މިއޮތް ހާލަތުގައި މިއޮތީ، ދިވެހި ރާއްޖެ މިހާލަތުގައި މި އޮތީ މިތަނަށް ތަދުމަޑުކަމެއް، ބަލިމަޑުކަމެއް އައިސްގެނެއް ނޫން. އެއްގޮތަކަށް ވެސް މިއުޅެނީ ކޮވިޑް-19 ނުރައްކަލުން އަރައިނުގަނެވިގެނެއް ވެސް ނޫން." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ ފައިސާ، ސަރުކާރުގެ އިސްވެރިންގެ ރަޙްމަތްތެރިންނަށް ބަހުން އަންނަ ކަމަށާއި އަދި އެކަންތައް ބެލޭނެ ހުރިހާ މުއައްސަސާއެއްގެ ބާރު ވެސް މިއަދު ކަނޑުވައިލައިފައިވާ ކަމަށެެވެ. އަދި މިނިވަން ހުރިހާ މުއައްސަސާއެއްގެ ބާރު ކަނޑުވައިލާ، "ޕެރެލައިޒް" ކޮށްފައިވާ ކަމަށާއި ކޯޓުތަކަށް ސަރުކާރުގެ އަތާއިފައި ބާނާ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!